Last Updated: August 10, 10:05
Sunday, August 10, 2025
ޚަބަރު

ޕީއެންސީގެ ޕީޖީ ގްރޫޕް ރޫޅައެއް ނުލެވޭނެ: ފަލާހު

މެންބަރު އިބްރާހިމް ފަލާހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އޮތީ އެކަތިގަނޑެއް ގޮތުގައި ކަމަށާއި ރޫޅާނުލެވޭނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވެފައިމިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެމްބަރަކު އެ ޕާޓީން ވަކިވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވުމާ ގުޅިގެންނެވެ.

އައްބާސް އަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ހީކޮށް އެފަދަ ބުހްތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އެފަދަ ފިތުނަ ފަތުރައިދޭ މަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިފަހުން އައްބާސް އެގެއަށް ގެންގޮސް 3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އައްބާސްގެ މެސެޖުން ބާރު ލިބޭ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއް ގޮތަށް ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް. ކިތަންމެ ނުބައި ޕްލޭންތަކެއް ރާވާ މިފަދަ މޮޔައިން ލައްވާ މިފަދަ މެސެޖު ކުރުވިޔަސް އިންޝާﷲ ކާމިޔާބެއް ނުވާނެ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވަނީ ޤާނޫނު އަސާސީގެ 73 މާއްދާގެ (ހ) ގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުން ހުންނަންޖެހޭ ކަމަށް ބުނާ އެންމެ މުހިއްމު ޝަރުތު، އައްބާސްގެ ކިބައިގައި ހުރިކަމާ މެދު މިހާރު ޝައްކުވާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

އަދި މިފަދަ ފިތުނަވެރި ނުބައި ވާހަކަތަށް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއް ކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި އެކަމުން އަންގައިދެނީ ތިމާއަކީ އެއްވެސް އަހުލާގެއް ނެތް ބުއްދި ގޯސް މޮޔައެއްކަން ކަމަށް ފަލާހު ވިދާޅުވި އެވެ.

އައްބާސްގެ ވާހަކަތައް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ އެހެން މެމްބަރުން ވެސް އަންނަނީ ދޮގު ކުރަމުންނެވެ.