ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކުރި މީހާގެ އަތުގައި ދިވެހި ޕާސްޕޯޓެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބޭރުގެ މީޑިއާތަކުން މިދިޔަ ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މަސާޖު ޕާލާއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރު ޖަލު ހުކުމެއް އިއްވާފައިވާ އުމުރުން 36 އަހަރުގެ "ސަންދަރިލިންގަމް ކޫޑަލިންގަމް" ނަމަކަށް ކިޔާ މީހާއަކީ ރާއްޖެއަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އެއީ ދިވެއްސެއް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ "ސުންދަރިލިންގަމް ކޫޑަލިންގަމް" އަކީ ރާއްޖޭގެ ރައްވެހިކަން އޮންނަ ފަރާތެއް ކަމަށްބުނެ، ބައެއް ނިއުސް މީޑިއާތަކުގައާއި މީސްމީޑިއާގައި ދައުރު ކުރަމުންދިޔަ ނަމަވެސް، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރިކޯޑުތަކުގައި، މަތީގައި އެވާ ނަން ކިޔާ ދިވެހި ރައްޔިތަކު ރިކޯޑުކުރެވިފައި ނުވެއެވެ. މީގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނުގެ ރިކޯޑުތަކުގައިވެސް، އެއްވެސް އިރެއްގައި، އެ ނަން ކިޔާ ފަރާތަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތެވެ، މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ އެފަދަ ކަންކަމުގައި އެކި މަންސަތަކުގައި ހަބަރު ފަތުރާ އިރު، ސައްހަ މައުލޫމާތު ފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.