Last Updated: August 10, 10:32
Sunday, August 10, 2025
ޚަބަރު

ގާޒާ ހިފުމުގެ ޕްލޭން ހުއްޓުވަން ރައީސް ގޮވާލައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ގާޒާ ހިފުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައު އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ގާޒާ ހިފައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އިޒްރޭލުގެ މި ނިންމުމާ ދެކޮޅަށް ގިނަ ގައުމުތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގާޒާގެ ކޮންޓްރޯލް ހޯދަން އިޒްރޭލުން ގެންގުޅޭ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު އަމަލަކަށްވާއިރު، މިއީ ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤަށް ބޮޑު އަރައިގަތުން ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންނަށް ވޭނާއި ތަކްލީފު އިތުރުވުމުގެ އިތުރަށް، މިއީ ދެމެހެއްޓެނިވި ސުލްޙައަށާއި ސަރަޙައްދީ ހަމަޖެހުމަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ފަލަސްތީނު ރައްޔިތުންނާއެކު ރާއްޖެ ދެމި އޮންނާނެ ކަމަށާއި ގާޒާގެ ކޮންޓްރޯލް ހޯދުމަށް ނުވަތަ ފަލަސްޠީނުގެ ސިޔާދަތަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ރާއްޖެއިން ގަބޫލުނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ އިޒްރޭލުން ގާޒާގެ ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށާއި، ފަލަސްޠީނުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށާއި، އަދި ފަލަސްޠީނު ސަރަޙައްދުތަކުގައި ހިންގާފައިވާ އެންމެހައި ގާނޫނާ ހިލާފު ޢަމަލުތަކަށް އެގައުމު ޒިންމާދާރުކުރުވުމަށް އަވަސް ފިޔަވަޅުތަށް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ގޮވާލާފަ އެވެ.