Last Updated: August 11, 06:10
Monday, August 11, 2025
ދުނިޔެ

ހަށިގަނޑު ފެނުނީ ގަނޑުފެންގަނޑެއްގެ ތެރެއިން!

މީގެ 28 އަހަރު ކުރިން ގެއްލުނު މީހަކު ޕާކިސްތާންގެ "ލޭޑީ ވެލީ" ސަރަހައްދުގެ ބޮޑު ގަނޑުފެންގަނޑެއްގެ ތެރެއިން ފެނިއްޖެ އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ 1997 ގެ ނަސީރުއްދޫން ޖޫން މަހުގެ ތެރޭގައި ޕާކިސްތާންގެ ފަރުބަދަމަތީގެ ސަރަހައްދެއް ކަމަށްވާ ކޮޝިސްތާންގައި ވިރެމުންދާ ބޮޑު ގަނޑުފެންގަނޑެއްގެ ތެރެއިން ނަސީރުއްދީން ކިޔާ މީހާ މިދިޔަ މަހުގެ 31 ވަނަ ދުވަހު ފެނުނު އިރު، އޭނަގެ ހަށިގަނޑު އޮތީ ހަލާކު ނުވެ، ވަރަށް ރައްކާތެރިކޮށް ކަމަށެވެ.

ހަށިގަނޑު ފެނުނީ ހުއިހެއްޕުމުގެ މަސައްކަތް ކުރާ މީހަކަށެވެ. އަދި އެކަން އެ މީހާ ފުލުހުންނަށް ރިޕޯޓްކުރީ އެވެ.

ނަސީރުއްދީންގެ ހަށިގަނޑު ފެނުނު ސަރަހައްދަކީ ކުރިން ވަރަށް ބޯކޮށް ސުނޯ ފައިބާ ސަރަހައްދެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ކޮޝިސްތާނަށް ސުނޯ ފޭބުން ވަރަށް ބޮޑަށް މަދުވެފައިވެ އެވެ.

އެ ސަރަހައްދުގެ ގަނޑުފެންގަނޑެއްގެ ތެރެއިން ނަސީރުއްދީންގެ ހަށިގަނޑު ފެނުނު އިރު، ލައިގެން އޮތް އަންނައުނަށް ވެސް ގެއްލުމެއްވެފައެއެއް ނެތެވެ. އަދި ލެމިނޭޓްކޮށްފައި އޮތް އޭނަގެ އައިޑީ ކާޑު ވެސް ހަށިގަނޑާ އެކު ފެނިފައިވެ އެވެ.

މީޑިއާތަކުން ބުނީ ނަސީރުއްދީން ގެއްލުނީ "ލޭޑީ ވެލީ" ގެ ތެރޭގައި އުޅެނިކޮށް ބޮޑެތި ބޯ ސުނޯތަކެއްގެ ތެރެއަށް ވެއްޓި އެވެ. ދެ ކުދިންނާި އަންބަކު ވެސް ހުރި މީހާ ހޯދަން ފާއިތުވި 28 އަހަރުގެ ތެރޭގައި އޭނަ ފެނޭތޯ ގިނަ މަސައްކަތްތަކެއްކޮށް، އެކަން އޮތީ ނާކާމިޔާބުވެފަ އެވެ.

އެތައް ޒަމާނެއް ފަހުން އޭނަގެ ހަށިގަނޑު ގަނޑުފެންގަނޑެއްގެ ތެރެއިން ފެނުމަށް މެދުވެރިވާން ދިމާވީ މޫސުމީ ބަދަލުތަކާ ގުޅިގެން މި ފަހުން "ލޭޑީ ވެލީ" ގެ ގަނޑުފެންތައް ވަރަށް ބޮޑަށް ވިރުމުގެ މައްސަލައާ ވެސް ކުރުމަތިލާން ޖެހިފައި ވަނިކޮށެވެ.