އިޒްރޭލަށް ފަސޭހައިން ފަލަސްތީނުގެ ގާޒާގެ ކޮންޓްރޯލް ނުހޯދޭނެ ކަމަށް، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތުން ބުނެފި އެވެ.
ގާޒާ ހިފައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އިޒްރޭލުގެ މި ނިންމުމާ ދެކޮޅަށް ގިނަ ގައުމުތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިޒްރޭލުގެ މި ނިންމުން ކުށްވެރިކޮށް ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ މި ނިންމުމަކީ ފަލަސްތީނުގެ ގާތްގަނޑަކަށް އެއް މިލިއަން ރައްޔިތުންނާ ދެކޮޅަށް ހިންގަން ތައްޔާރުވަމުންދާ ހަނގުރާމައިގެ އައު ކުށެއް ކަމަށެވެ. އަދި މިއީ އިޒްރޭލުން ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމެއް ކަމަށާއި މިއީ ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވާނެކަން އިޒްރޭލަށް އިންޒާރު ކުރާ ކަމަށްވެސް ހަމާސްގެ ބަޔާނުގައިވެ އެވެ.
ހަމާސް އިން ބުނީ އިޒްރޭލުގެ ކެބިނެޓުގެ މި ނިންމުމުން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުން އިޒްރޭލު ކުއްލިއަކަށް ފަހަތަށް ޖެހުނު ސަބަބު ސާފުކޮށް އޮޅުންފިލާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށްވެސް ހަމާސް އިން ބުނެފައިވެ އެވެ.
އިޒްރޭލު ކެބިނެޓުން ނިންމި ކަންތައްތަކުގެ ތެރޭގައި ހަމާސް އަތުން ހަތިޔާރުތައް އަތުލުމާއި، އިޒްރޭލުގެ އަސީރުން މިނިވަންކުރުން އަދި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމާއި، ގާޒާގެ މިލިޓަރީ ފޯސްތައް ހުއްޓުވައި ހަތިޔާރުތައް އަތުލުމުގެ އިތުރުން ގާޒާގެ ސެކިއުރިޓީ ކޮންޓްރޯލު ހޯދުމާއެކު ހަމާސް ނުވަތަ ފަލަސްތީނު ދައުލަތުގެ ބައިވެރިވުމެއް ނެތި ގާޒާގައި ވަކި ވެރިކަމެއް ހިންގުން ހިމެނެ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 61،020 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150،671 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 9،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.