Last Updated: August 11, 06:10
Monday, August 11, 2025
މުނިފޫހިފިލުވުން

ސުމިތުގެ ފިލްމުން ޑައިރެކްޓަރު ވަކިވެއްޖެ

އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ ހޮލީވުޑްގެ މަޝްހޫރު ތަރި ވިލް ސުމިތުގެ ފިލްމު "ފާސްޓް އެންޑް ލޫޒް" އިން ޑައިރެކްޓަރު މައިކަލް ބޭ ވަކިއްޖެ އެވެ.

މިއީ ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ އެކްޝަން ތުރިލާއެކެވެ.

ޑެޑްލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޓްރާންސްފޯމާ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ތަޖުރިބާކާރު ޑައިރެކްޓަރު ސުމިތުގެ ފިލްމު ދޫކޮށްލީ ފިލްމުގެ ސްކްރީންޕްލޭއާ މެދު ދެ މީހުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށެވެ. މީޑިއާތަކުން ބުނީ ބޭ، 60، ފިލްމުގެ ޑައިރެކްޝަނާ ހަވާލުވީ ވަރުގަދަ އެކްޝަން ފިލްމެއް ހެދުމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް ސްކްރިޕްޓްގައި ތަންކޮޅެއް ބޮޑަށް ކޮމެޑިކް ބައިތަކެއް ހިމަނަން ސުމިތު ބޮޑާހާކަން ފެށުމުން އެކަމާ ހިތްހަމަނުޖެހިގެން ބޭ ފިލްމު ދޫކޮށްލީ ކަމަށް ޑެޑްލައިލުން ބުންޏެވެ.

އެހެންވެ އޭނަގެ ބަދަލުގައި "ފާސްޓް އެންޑް ލޫޒް" ޑައިރެކްޓްކުރާނެ އެހެން މީހަކު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ސުމިތާ ހިޔާލު ތަފާތުވެގެން ބޭ ފިލްމު ދޫކޮށްލި އިރު، އެ ދެ މީހުންނަކީ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވާ ބައެކެވެ. ސުމިތުގެ މަޝްހޫރު "ބޭޑް ބޯއިސް" ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމުގެ ޑައިރެކްޓަރަކީ ބޭ އެވެ. އަދި އޭގެ އަނެއް ދެ ފިލްމުގައި އެކްޓަރެއްގެ ގޮތުގައި ބޭ މަސައްކަތްކޮށްފައިވެ އެވެ.

ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ބޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެކްޝަން ތުރިލާ ހެއިސްޓް "އެމްބިއުލާންސް" އެވެ.

އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ސުމިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޭޑް ބޯއިސް: ރައިޑް އޯ ޑައި" އެވެ.