Last Updated: August 11, 06:10
Monday, August 11, 2025
މުނިފޫހިފިލުވުން

ރާޖަމޯލީގެ އާ ފިލްމުގެ ފަސްޓްލުކް ނޮވެމްބަރުގައި

"ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ފަސްޓްލުކް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހާމަކުރާނެކަން އިއުލާންކޮށްފި އެވެ.

ފިލްމުގެ ނަމާއި މިއާ ގުޅުން ހުރި ކަންކަން ވަރަށް ވަންހަނާކޮށް ކުރިއަށް ގެންދާތާ ހަތް ވަރަކަށް މަސް ފަހުން ރާޖަމޯލީ، މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި މިއާ ބެހޭ މައުލޫމާތު އެނގެން ވަރަށް ގިނަ ބަޔަކު ތިބިކަން ވެސް އެނގޭ ކަމަށެވެ.

އެހެންވެ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފިލްމުގެ ފަސްޓްލުކް ދައްކައިލާނެ ކަމަށް ބުންޏެވެ. ރާޖަމޯލީ ބުނީ އޭގެ ޓީމުން މަސައްކަތް ކުރަނީ މީގެ ކުރިން ފެނިފައި ނުވާ ކަހަލަ އެއްޗެއް ގެނެސްދޭން ކަމަށް ބުންޏެވެ.

ރާޖަމޯލީ ވަނީ ފިލްމުގެ ބަތަލުގެ ރޯލު ކުޅޭ، މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫގެ މޫނު ދައްކާލައި، އޭނަގެ ފިލްމުން ފެންނާނެ ގޮތުގެ ލުކެއް ވެސް ހިއްސާކޮށްފަ އެވެ. މިއީ ރާޖަމޯލީއާ އެކު މަހޭޝް މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. މި ފިލްމުގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

ރާޖަމޯލީގެ އާ ފިލްމަކީ ޖަންގަލް އެޑްވެންޗާއެކެވެ. އަދި މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އާންމު އުސޫލުގެ ދަށުން އޭނަ އާއި ބައްޕަ، ކުޅަދާނަ ސްކްރީން ރައިޓަރު ކޭވީ ވިޖަޔަންދުރަޕްރަސާދެވެ.


މިހާރު އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރާޖަމޯލީ އަކީ އަބަދުވެސް ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެކެވެ. އަދި އޭނަގެ "ބާހްބަލީ" ގެ ދެ ފިލްމާއި "އާރްއާރްއާރް" އަކީ އިންޑިއާގެ ސިނަމާގެ ވަރުގަދަކަން މުޅި ދުނިޔެ އަށް ސާބިތުކޮށް ދީީފައިވާ ފިލްމުތަކެކެވެ.

އެހެންވެ ރާޖަމޯލީގެ އާ ފިލްމަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ބެލެވޭ ގޮތުން ނޮވެމްބަރުގައި ފިލްމު ފަސްޓްލުކް ދައްކައިލާ އިރު، ބެލުންތެރިންނަށް ފިލްމު ގެނެސްދޭ ތާރީހު ވެސް ހާމަކުރާނެ އެވެ.