ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފި އެވެ.
ތުރުކީން ހަދިޔާކުރަނީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ. މި މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގަ އެވެ.
ޑިފެންސް މިނިސްޓްރީން ވަނީ ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރު ލިބުމަކީ ދިވެހި ކަނޑު ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެފަ އެވެ. މި މަނަވަރު އޮޕަރޭޓު ކުރުމަށް ބޭނުންވާ ތަމްރީނު ދިވެހި ސިފައިންނަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މި ސަރުކާރުން މީގެ ކުރިން ވަނީ ސަވައިލެންސް ޑްރޯންތަކެއް ވެސް ތުރުކީން ގަނެފަ އެވެ. ޑްރޯން ގަތުމަށް ދައުލަތުން ކުރި ހަރަދު ސަރުކާރުން ވަނީ ހާމަ ކުރަން ދެކޮޅު ހަދާފައެވެ. އަދި އޭގެ ފަހުން ރައީސް މުއިއްޒު ވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް ދޫކުރާ ގޮތަށް ހޯދާ ފައިސާގެ އަދަދު 100 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމާފަ އެވެ.