Last Updated: July 12, 05:02
Sunday, July 12, 2026
ޚަބަރު

ވޭޕް މައްސަލާގައި ހައްޔަރުކުރި ފުލުހަކު ހުވާނުކުރާކަމަށް ބުނެފި

ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި ފުލުހަކު އޭނާ މަގާމުގެ ހުވާ ނުކުރާ ކަމަށް ހައިކޯޓުގައި ބުނެފި އެވެ.

މި މައްސަލައިގައި މިދިޔަ މަހު ހައްޔަރުކުރީ ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދެވެ. އެގޮތުން އޭނާ ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިގިނރޭޓާ ގުޅޭ ހެކިތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވެ އެވެ.

އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ތިނަދޫ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ ތިނަދޫ ކޯޓުގެ ނިންމުން ބަދަލުކުރުމަށް އެދި އެވެ.

ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތް ކަމަށް ބަލައި ބަންދުން ދޫކޮށްލިޔަސް އީ-ސިނގިރޭޓަކީ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ކަމަށާއި އެ ގެންގުޅޭ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭ ކަމަށް ދައުލަތުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވިދާޅުވެފަ އެވެ. އެގޮތުން ފުލުހެއްގެ ވަޒީފާގައި ހުރެގެން ރަސްމީ ވާޖިބުތަކާ ހިލާފުވާ ގޮތަށް ކުރުން މަނާކަމެއް ކުރުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގައި ހިމެނޭ ކަމެއްކަން ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

ސާޖިދުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ސާޖިދު ފުލުހުންގެ ހުވާނުކުރާ ކަމަށާއި ދައުލަތުން ފާހަގަ އެކުރާ ހުވައެއް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ފަނޑިޔާރުން ސުވާލުކުރުމުން ސާޖިދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ގޮސް އެ ތަނުގައި މަޑުކޮށްގެން ހުރި ނަމަވެސް ހުވާ ލައިދިން ވަގުތު ހުވާ ނުކިޔާ ކަމަށެވެ.

"ކޮންސްޓެބްލަރީ ހުވާގެ ރަސްމިއްޔާތު އޮތް، އެ ތަނަށް އަޅުގަނޑު ވެސް ދިޔައިން. އެކަމަކު، އަޅުގަނޑު ހުވައެއް ނުކުރަން. އަޅުގަނޑު ހުރީ އެތާ،" ސާޖިދު ބުންޏެވެ.

ސާޖިދު މިހެން ބުނި ނަމަވެސް ހުވާގެ އިގުރާރުގައި އޭނާ ސޮއިކޮށްފައިވެ އެވެ. މިކަމާ ގުޅިގެން ފަނޑިޔާރުން ނުރުހުން ފާޅުކުރައްވައި ވަނީ ސާޖިދު ވަޒީފާގައި އެތައް ދުވަހަކު ހުރެފައި އެތަނަށް ދިޔަ ނަމަވެސް ހުވައެއް ނުކުރަމޭ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.