Last Updated: August 11, 06:10
Monday, August 11, 2025
ޚަބަރު

އައްޑޫ ސިޓީ ރުޅާލައި ރަށު ކައުންސިލްތައް ހަދަން ތައްޔާރު އެބަވޭ

އައްޑޫ ސިޓީ ރޫޅާލައި ރަށު ކައުންސިލްތައް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ "އައްޑު އަތޮޅު" އިދާރީ ގޮތުން ސިޓީއެއްގެ ގޮތުގައި 2011 ޖެނުއަރީ މަހު 10 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން ނިންމަވައި ގެޒެޓް ކުރެއްވި ކަމަށާއި އެކަން އެހެން ކުރެެއްވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފާގަތިކަމަށް އަވަސް ކުރިއެރުން ހޯދައި ދެއްވުމުގެ ގޮތުން ކަމަށެވެ.

އެ ނިންމުމާއެކު އައްޑޫގެ ކުރިއެރުމާއި ދެކޮޅު ޣައްދާރުން ތަކެއް އެކަމާއި ދެކޮޅަށް ނިކުމެ އެޝަރަފު ނިގުޅައި ގަތުމަށް މަސައްކަތް ކުރި ކަމަށާއި އޭގެ 14 އަހަރު ފަހުން އަނެއްކާވެސް މިފަދަ ޣައްދާރުން ތަކެއް ފާޅުވެ ސިޔާސީ ގޮތުން މިވަގުތު ބާރު އޮތަތީ އައްޑޫ އިދާރީ ގޮތުން ބައިބައިކޮއްލައި ނިކަމެތި ކޮއްލަން މަސައްކަތް ފަށާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއެއްގެ ގޮތުގައި އޮޮތުމަކީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް އެތަކެއް މަންފާ ލިބޭ މުހިންމު ކަމެއް ކަމަށާއި އަދި އައްޑޫ ރުޅާލުމަށް ދައްކާ ވާހަކަތަކަކީ އިލްމީ ބަރުދަނެއް ނެތް ޖާހިލު ވާހަކަތަކެއް ކަމަށެވެ.

"އައްޑޫ ސިޓީ ރޫޅާލައި ރަށު ކައުންސިލްތައް ހެދުމުގެ މަޝްވަރާ ފެށުމަށް އައްޑޫއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ދަނީ ތައްޔާރު ވަމުންނެވެ. މިކަމުގައި އެންމެ އިސްވެ މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ޕީއެންސީ އަށް ނިސްބަތްވާ އައްޑޫ މަޖިލިސް މެމްބަރުން ކަމަށް މައުލޫމާތު ދަނީ ލިބެމުންނެވެ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވަނީ މިބޭފުޅުން ހިމެނިގެން މިކަން މިގޮތަށް ކޮށްފިނަމަ މިބޭފުޅުން ވެގެންދާނީ އައްޑޫ ސިޓީގެ ތާރީޚުގައި އެ ސިޓީއަށް އެންމެ ބޮޑު ގެއްލުމެއް ދެއްވި އަދި އައްޑޫ ސިޓީގެ ތަރައްގީއާއި ކުރިއެރުން ހުއްޓުވާލި ޣައްދާރުންގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.