ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ ފުލުހުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.
އެ ކޮމިޝަނުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލު ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެއެވެ. ނަމަވެސް އެ ތުހުމަތުތައް ފުލުހުންތަކެއްގެ މައްޗަށް ކުރަނީ ކޮން އަސާސެއްގެ ދަށުން ކަމެއް ހާމަކޮށްފައެއްނުވެއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ އިންޓެގްރިޓީ ކޮމިޝަނުން ފޮނުވި މައްސަލަ އެ އޮފީހުން ދިރާސާކުރަމުން އަންނަ ކަމަށާއި އަދި ކޮމިޝަނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އެޗްއާރްސީމުން ވެސް އަންނަނީ އެކަން ބަލަމުންނެވެ.