މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގަށް މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޖޫން މަހުގެ އެއްވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. މި މަޢުލޫމާތައް ބަލައި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
"ތަހުގީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކޮށްދޭނެ ވާހަކަ ދަންނަވަން،" ފުލުހުން ބުނެ އެވެ.
ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ.
ސްޓެލްކޯ އިން ބުނީ އެ ދުވަހު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސްޓެލްކޯ އިން ވަނީ ދީފަ އެވެ.