Last Updated: August 12, 21:51
Tuesday, August 12, 2025
ކުޅިވަރު

ކާމިޔާބަކުން ސީޒަން ފަށަން ލިވަޕޫލް ތައްޔާރު

ކާމިޔާބަކުން ސީޒަން ފަށަން ލިވަޕޫލް ބޭނުންވާ ކަމަށް އެޓީމުގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

އިނގިރޭސި ފުޓްބޯޅައިގެ އާ ސީޒަން ފެށުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މިރޭ ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލުން ނިކުންނާނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަނުން ކަމަށްވާ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސްލޮޓް ބުނީ އާންމުކޮށް ތައްޓެއް ކާމިޔާބު ކުރެވެނީ ސީޒަނުގެ ފަހުކޮޅު ކަމަށާއި ނަމަވެސް ކާމިޔާބަކުން ސީޒަން ފަށަން މިރޭ ލިވަޕޫލަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

ލިވަޕޫލްއާ ދެކޮޅަށް މިރޭ ނިކުންނަ ޕެލެސް އަކީ މޮޅު ޓީމެއް ކަމަށާއި އެގޮތުން މިދިޔަ ސީޒަނުގައި ވެސް ޕެލެސް އަތުން މޮޅެއް ހޯދުން ލިވަޕޫލަށް ވީ އުނދަގޫ ކަމަކަށް ކަމަށް ސްލޮޓް ބުންޏެވެ. ޕެލެސްގެ ފެންވަރު އެޓީމުން އެފްއޭ ކަޕްގެ ސެމީ އަދި ފައިނަލްގައި ވެސް ދައްކާފައިވާ ކަމަށާއި މިދިޔަ ސީޒަނުގައި ވެސް ތިބި ގިނަ ކުޅުންތެރިން ޕެލެސްގައި އަދިވެސް ތިބުމުން އެޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށްވެސް ސްލޮޓް ބުނެފައިވެ އެވެ.

މިއީ ޕެލެސް އިން ކޮމިއުނިޓީ ޝީލްޑް މެޗުގައި ކުޅޭ ފުރަތަމަ ފަހަރު ކަމަށްވާއިރު، ލިވަޕޫލުން ވަނީ ޝީލްޑް މީގެކުރިން 16 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެފަހުން ލިވަޕޫލުން ޝީލްޑް ކާމިޔާބުކުރީ 2022 ގަ އެވެ.

ލިވަޕޫލް އާއި ޕެލެސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 7 ޖަހާއިރު އެވެ.