އުރީދޫގެ ބްރޭންޑް އެމްބެސަޑަރުންގެ ތެރޭގައި ހިމެނޭ ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް، ހަބޭސްއާ ގުޅިގެން އެ ކުންފިުނިން ބޮޑުބެރު ޖަހަން ދަސްކޮށް ދިނުމުގެ ގޮތުބް ހިންގަން ނިންމި ކްލާހުގައި ބައިވެރިވާން ދިން ސުންގަޑި ހަމަވުމުގެ ކުރިން ކްލާސް ފުލްވެއްޖެ އެވެ.
އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދަން ނިންމި މި ބޮޑުބެރު ކްލާހުގައި ބައިވެރިވާން 18 އަހަރުން މަތީގެ މީހުންނަށް ދިން ސުންގަޑި ހަމަވާ ގޮތަށް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 12:00 އަށެވެ. ނަމަވެސް 20 ޖާގައާ ހުޅުވައިލި ކްލާސް މިހާރު ފުލްވެފައިވާ ކަމަށް އުރީދޫން ބުންޏެވެ.
ހަބޭހާ އެކު ހަތަރު ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާހެއް ކުރިއަށް ގެންދަން ނިންމާފައިވާ މި އެކްސްކްލޫސިވް ކްލާހުގެ މަގުސަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި އަދި ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅު ބައިވެރިންތަކަކަށް ދަސްކޮށް ދިނުން ކަމަށެވެ.
ހިލޭ ހިންގާ ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަސްތަކާ ދިމާކޮށެވެ. އެއީ މި މަހުގެ 16، 23، 30 އަދި އަންނަ މަހުގެ 6 ގަ އެވެ. ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓާސްގެ ހަތަރު ވަނަ ފަންގިފިލާގައިއި ކްލާސްތައް ކުރިއަށް ގެންސާނީ ރޭގަނޑު އެވެ. އެއީ 8:00-11:00 އަށެވެ.