Last Updated: August 12, 21:51
Tuesday, August 12, 2025
މުނިފޫހިފިލުވުން

ފަވާދުގެ ފިލްމު މި މަހު ރިލީޒް ކުރަނީ

ދާދި ފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ގުޅުން ގޯސްވުމާ ގުޅިގެން އިންޑިއާގައި ރިލީޒް ކުރުން ހުއްޓުވި ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާންގެ ބޮލީވުޑްގެ ފިލްމު "އަބީރް ގުލާލް" މި މަހު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނެފައި ވަނީ މި މަހުގެ 29 ގައި މި ފިލްމު ބޭރުގެ މާކެޓްތަކުގައި ޕްރީމިއާ ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް އިންޑިއާގައި "އަބީރް ގުލާލް" އަޅުވާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

މި ފިލްމު ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކެއް އިންޑިއާގައި ހިންގީ މެއި މަހުގެ 9 ގައި ފިލްމު ރިލީޒް ކުރަން ޕްލޭންކޮށްފައި ވަނިކޮށް އެޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު ދިން ހަމަލާތަކެއްގައި އިންޑިއާގެ ބަޔަކު މަރައިލުމާ ގުޅިގެންނެވެ.

ޗުއްޓީ އަށް ގޮސް ތިބި ޓޫރިސްޓުންތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 26 މީހަކު މަރުވި އިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 25 މީހަކާއި ނޭޕާލް މީހެކެވެ.

ހަމަލާގެ ޒިންމާ އިންޑިއާ އިން ޕާކިސްތާނުގެ ބޮލުގައި އަޅުވައި "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި މެއި މަހުގެ 8 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމައެއް ވެސް ފެށި އެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އެ ހަނގުރާމަ ހުއްޓައިލީ އެމެރިކާ މެދުވެރިވެގެންނެވެ.

ކުރިން ވެސް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފައިވާ ފަވާދުގެ "އަބީރް ގްލާލް" އަކީ އާރްގީ ބަގްޅީ ލިޔެ، ޑައިރެކްޓްކުރި ރޮމޭންޓިކް ކޮމެޑީއެކެވެ. އިނގިރޭސިވިލާތުގައި އެއްކޮށް ޝޫޓްކުރި މި ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގެ ތަރި، ވާނީ ކަޕޫރެވެ. "އަބީރް ގްލާލް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ލީޒާ ހޭޑަން، ރިދީ ޑޮގްރާ، ފަރީދާ ޖަލާލް، ޕަރްމީތު ސޭތީ އަދި މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން ހިމެނެ އެވެ.