ވައިބަ އެކައުންޓްތައް ހެކްކޮށްގެން ސްކޭމް ހިންގުމުގެ މައްސަލަތައް އަނެއްކާ ވެސް، އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ވައިބަ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ވައިބާގެ ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި އެޕްހެ ސެޓިން އިން "ޓޫ-ސްޓެޕް ވެރިފިކޭޝަން" އެކްޓިވޭޓް ކުރަން ވެސް ފުލުހުން އެދިފައިވެ އެވެ. އަދި ވައިބާ އިން ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެ ނަމަ، ފޯނުން ގުޅައި ޔަގީންކުރުމުގެ އިތުރުން އެކައުންޓްގެ ރައްކާތެރިކަން ކަށަވަރު ކުރަން ވެސް ފުލުހުން އެދިފައިވެ އެވެ.
ސްކޭމްގެ ޝިކާރައަކަށްވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:
1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލު ކުރުން
2. ޝައްކު ކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން
3. އެންމެހާ މުއާމަލާތުގެ ތަފުސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކުރުން
4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން
5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
ފުުލުހުން ބުނީ ސްކޭމްގެ ޝިކާރައަކަށްވެއްޖެނަ މަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުން ވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.