Last Updated: August 12, 21:51
Tuesday, August 12, 2025
މުނިފޫހިފިލުވުން

ދީޕިކާ 'އިންޓާން' ގެ ރިމޭކް ނުކުޅޭނެ

ބަތަލާ ދީޕިކާ ޕަދްކޯން ރައިޓްސް ގަނެ، ކުޅެން ނިންމި ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކް އޭނަ ނުކުޅޭ ގޮތަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ،

ބޮލީވުޑްގެ ޙަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 2020 ގައި އިއުލާންކުރި އެ ފިލްމު ހުނަރުވެރި ބަތަލާ ނުކުޅުނު ނަމަވެސް، އޭނަ ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާނެ ކަމަށެވެ. މަޝްހޫރު އެކްޓަރު ރަންވީރު ސިންގުގެ އަންހެނުން ދީޕިކާ އަކީ ކުރިން ވެސް ފިިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި "83" އާއި "ޗަޕާކް" ހިމެނެ އެވެ.

"ދި އިންޓާން" ގެ ހިންދީ ރިމޭކެއް ހަދަން ދީޕިކާ އިއުލާންކުރީ 2020 ގެ ޖެނުއަރީގަ އެވެ.

މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރޮބަޑް ޑި ނީރޯ އާއި އޭން ހެތަވޭ ކުޅުނު ކޮމެޑީ ޑްރާމާއެކެވެ.

ނޭންސީ މެޔާޒް ޑައިރެކްޓްކޮށް 2015 ގައި ގެނެސްދިން ފިލްމަކީ ރިޓަޔާކޮށްފައިވާ އަދި ހުވަފަތްވެފައިވާ ދުވަސްވީ ފިރިހެނަކު އޮންލައިން ފެޝަން ސައިޓެއް ހިންގާ ކުންފުންޏަކާ ގުޅިގެން މަސައްކަތްކުރަން ބޭނުން ނުވުމުން އެތަނުގެ އަންހެން ވެރިޔާ އާއި އޭނާއާ ދޭތެރޭ ހިނގާ މަޖާ ކަންތައްތަކެއް ދައްކުވައި ދިން ވަރަށް ކާމިޔާބު ފިލްމެކެވެ.

މީގެ ހިންދީ ރިމޭކް އިއުލާންކުރީ ދީޕިކާ އާއި ރިޝީ ކަޕޫރް މައިގަނޑު ރޯލުތައް ކުޅޭ ގޮތަށެވެ. ނަމަވެސް 2020 ގެ އެޕްރީލް މަހުގެ ތެރޭގައި ރިޝީ މަރުވުމުން، އަމީތާބް ބައްޗަން ފިލްމަށް ނެގިކަން އިއުލާންކުރީ 2021 ގެ އެޕްރީލްގަ އެވެ.

"ދި އިންޓާން" ގެ ހިންދީ ރިމޭކްގެ ޑައިރެކްޓް ކުރަން ހަވާލުކޮށްފައި އޮތީ އަމިތު ޝަރްމާއާ އެވެ. އޭނަ އަކީ "ބަދާއީ ހޯ" އާއި "މައިދާން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ދީޕިކާގެ ބަދަލުގައި އެހެން ބަތަލާ އަކު ހިމަނައިގެން "ދި އިންޓާން" ހަދަން ނިންމި ނަމަވެސް މި ފިލްމު ކުޅޭނީ ކޮން ބަތަލާއެއް ކަމެއް އަދި ނޭނގެ އެވެ. އަދި މިއަށް ގެނައި ބަދަލާ ބެހޭ ގޮތުން ރަސްމީކޮށް ދީޕިކާ ވަކި އެއްޗެއް ވެސް ނުބުނެ އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ދަ ކިންގް" އާއި އައްލޫ އަރުޖުންގެ ސައިންސް ފިކްޝަން ފިލްމު ހިމެނެ އެވެ.