އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ލަންޑަންގައި އިއްޔެ ކުރި މުޒާހަރާއްގައި 470 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.
ފަލަސްތީނުގައި ހައްގުގައި އަޑު އުފުލައި އިނގިރޭސިވިލާތުގެ ގްރޫޕެއް ކަމަށްވާ "ފަލަސްތީން އެކްޝަން" އިން އިންތިޒާމުކުރި މުހާހަރާ އިން ހައްޔަރުކުރި މީހުންގެ އަދަދު 474 އަށް އަރާ ކަމަށް މެޓްރޮޕޮލިޓަން ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ މަސައްކަތަށް ހުރަސް އަަޅަން މަސައްކަތްކުރި މީހުން ކަމަށެވެ.
އަދި މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ފުލުހުންނަށް ހަމަލާ ދިނުމުގެ ސަބަބުން ޒަހަމް ވެސް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އިއްޔެގެ މުޒާހަރާގައި ވަނީ އިޒްރޭލުގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށާއި ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށް ދިނުން ހުއްޓުމަކަށް ގެނައުމަށް ވެސް ގޮވާފައިވެ އެވެ.
"ފަލަސްތީން އެކްޝަން" އިން އިންތިޒާމުކުރި މުޒާހަރާ އިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އިރު އެ ގްރޫޕަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ކަނޑައަޅާފައިވެ އެވެ. އެހެންވެ އެ ގުރޫޕަށް ތާއީދު ކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އަދަބެއްގެ ގޮތުން 14 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.