މިދިޔަ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 3.39 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.4 ޕަސެންޓް އިތުރު އަދަދެއް ކަމަށާއި އަދި، މި އަހަރު ޖުލައިގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި އާ އަޅާ ބަލާއިރު، މި އަހަރުގެ ޖުލައި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީންޓެކުހާއި އެއަރޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މިގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، މި އަހަރުގެ ޖުލައިގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 15.0 ޕަސެންޓް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކުން ކުރިއެރުން ލިބިފައި ވެއެވެ. މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް މިދިޔަ ޖުލައިގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ބުނެ އެވެ.
މީރާއިން ބުނީ މި އަހަރުގެ ޖުލައި އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 12.8 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހު، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުންނާއި ބޭންކްތަކުން ދައްކަން ޖެހޭ އިންކަމް ޓެކުހުގެ ބަޔާން ހުށަހަޅައި، ސުންގަޑިއަށް ފައިސާ ދައްކާފައިވުމުގެ ސަބަބުން އަންދާޒާކުރި އާމްދަނީއާ އަޅައިބަލާއިރު، ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 165.6 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އެވެ. އެއީ 107.2 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 159.7 މިލިއަން ރުފިޔާ، އެއާޕޯޠް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 149.5 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 139.9 މިލިއަން ރުފިޔާ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 69.7 މިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވެ އެވެ.
މީގެއިތުރުން މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.