އަންނަ އަހަރު ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވަމުން އިންޑިއާގެ ފިލްމު "ވޯ 2" އިން ބޮބީ ޑިއޯލް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ޔާޝްރާކް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ރިތިކް ރޯޝަނާ އެކީ ގެނެސްދެމުން އަންނަ ފްރެންޗައިޒްގެ ދެވަނަ ބައިން ބޮބީ ފެންނާނީ ވަރަށް ހާއްސަ ކެމިއޯކުން ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ "ވޯ 2" އިން އޭނަ ދައްކައިލާ އިރު، އެ ރޯލު ވާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވައިއާރްއެފުން ގެނެސްދޭން ނިންމާފައިވާ ސްޕައި ޔުނިވާސްގެ "އަލްފާ" އަށް ބޮބީ ކުޅޭ ވިލަންގެ ކެރެކްޓާގެ ދައްކައިލުމެއް ކަމަށެވެ.
"އަލްފާ" އަކީ ޝިވް ރާވައިލް ޑައިރެކްޓްކުރާ ފިލްމެކެވެ. ސްޕައި ޔުނިވާސް އަށް ބަތަލާއިންތަކެއް ލީޑްކުރާ ގޮތަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ތަރިންނަކީ އާލިއާ ބަޓާއި ޝަރްވާރީ ވާގް އެވެ. އަދި "ވޯ 2" ގެ ރޯލެއް ކުޅެފައިވާ އަނިލް ކަޕޫރް ވެސް "އަލްފާ" އިން ފެންނާނެ އެވެ.
ރިތިކާއި ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ އިތުރުން ކިއާރާ އަދުވާނީ މައިގަނޑު ރޯލުތައް ކުޅެފައިވާ "ވޯ 2" ގައި ބޮބީގެ ކެމިިއޯއް ހިމެނި އިރު، ކުރިން އަޑުއަރާފައި އޮތް ގޮތުން ފިލްމުގެ ކެމިއޯތަކުން ފެންނާނީ ސަލްމާން ޚާނާއި ޝާހްރުކް ޚާނެވެ. ނަމަވެސް އެ ދެ ތަރިންގެ ބަދަލުގައި ފިލްމުން ދައްކައިލާނީ "އަލްފާ" ގައި ހިމެނޭ ބޮބީގެ ވަރުގަދަ ވިލަންގެ ރޯލެވެ.
"އަލްފާ" ސިނަމާތަކަށް ގެންނަން ޕްލޭންކޮށްފައި އޮތީ ޑިސެންބަރު 25 ގަ އެވެ.
View this post on Instagram
ސަލްމާނަކީ ސްޕައި ޔުނިވާސްގެ "ޓައިގާ" ފްރެންޗައިޒްގެ ބަތަލެވެ. އޭގެ ތިން ފިލްމެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. ޝާހްރުކަކީ ސްޕައި ޔުނިވާސްގެ "ޕަތާން" ގެ ބަތަލެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަލްމާނާއި ޝާހްރުކްގެ ކުރިމަތިލުންތަކެއް ހިމެނޭ ގޮތަށް ވައިއާރްއެފުން އަންނަނީ "ޓައިގާ ވާސަސް ޕަތާން" ކިޔާ ފިލްމަކަށް ވެސް ތައްޔާރުވަމުންނެވެ.