Last Updated: August 12, 21:51
Tuesday, August 12, 2025
ކުޅިވަރު

ލިވަޕޫލް ބަލިކޮށް ޕެލެސްއިން ޝީލްޑް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން 3-2 އިން އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަން ކްރިސްޓަލް ޕެލެސް އިން ކޮމިއުނިޓީ ޝީލްޑް މިރޭ ކާމިޔާބުކޮށްފި އެވެ.

މިއީ އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މި މެޗު ޕެލެސް އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލީޑު ނަގާފަ އެވެ. ޕެލެސްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްއާ އަލަށް ގުޅުނު ފްރާންސްގެ ފޯވާޑް ހޫގޯ އެކިޓީކޭ އެވެ.

ނަމަވެސް މެޗުގެ 17 ވަނަ މިނެޓްގައި ޕެލެސްގެ އިސްމާއިލާ ސާ އަށް ލިވަޕޫލްގެ ޑިިފެންޑަރު ވާޖިލް ވެންޑައިކް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޕެލެސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ޕެނަލްޓީ ޕެލެސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޖިއަން ފިލީޕޭ މަޓޭޓާ އެވެ.

ލިވަޕޫލުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފަ އެވެ. މެޗުގެ 21 ވަނަ މިނެޓްގައި ލިވަޕޫލަށް މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު ނެދަލޭންޑްސްގެ ފުލްބެކް ޖެރެމީ ފްރިމްޕޮންގް އެވެ. މިއީ ޕެލެސްގެ ކީޕަރު ބޯމަތިން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ލީޑު ފުޅާކޮށްލަން ލިވަޕޫލަށް ފުރުސަތުތަކެއް ލިބުނުއިރު، ޕެލެސް އަށް މެޗުގެ 77 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސާ އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ލިވަޕޫލުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ. އެގޮތުން ކޯޑީ ގަކްޕޯ އާއި ޑޮމިނިކް ސޮބޮސްލާއިގެ ޕެނަލްޓީ ކާމިޔާބުކުރިއިރު ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި ހާވީ އެލިއޮޓް އަދި މެކަލިސްޓާ އަށް ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ޕެލެސްގެ ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ މަޓޭޓާ އާއި ސާ ގެ އިތުރުން ޖަސްޓިން ޑެވެނީ އެވެ. އެޓީމުގެ އެބްރެޗީ އެޒޭ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން މަތަކުރިއިރު ބޯނާ ސޯސާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަން އަންނަ ހުކުރު ދުވަހުގެރޭ ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލިވަޕޫލް އާއި ބޯންމަތް އެވެ.