Last Updated: July 12, 00:08
Saturday, July 11, 2026
ޚަބަރު

ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި

ހުޅުމާލޭގައި ރޭ ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ކާރު ދުއްވައި، ފުލުހުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ފިލަން މަސައްކަތްކުރި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ފިލިމާގޭ، އައިކް ހައިޝަމް، 18، އެވެ. އޭނަ އަތުގައި ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނީ އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ހައިޝަމް ދުއްވި ކާރު މާޑުކުރަން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އާއި 2 ގެ އެކި މަގުތަކުގައި ދުއްވާފައިވާ އިރު އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުންޏެވެ. ވައްޓައިލި ސައިކަލްގައި ތިބި ދެ ފުލުހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ބާރު ސްޕީޑް ނުދުއްވަން އިރުޝާދު ދީ ފުލުހުން ދާދި ފަހުން ހުޅުމާލޭގައި ހާއްސަ ޓްރެފިކް ކެމްޕޭނެއް ވެސް ހިންގާފައިވެ އެވެ.