Last Updated: August 11, 09:26
Monday, August 11, 2025
ޚަބަރު

އިސްލާމިކް ފައިނޭންސް ދާއިރާއިން 15 ސްކޮލަޝިޕް ދީފި

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ސްކޮލާޝިޕް ދޫކޮށްފި އެވެ.

މި ސްކޮލާޝިޕްތައް ރަސްމީކޮށް ހަވާލުކުރުން އޮތީ، އެކަމަށްޓަކައި އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު އެވެ.

އެމްއެމްއޭ އިން ބުނީ މި ސްކޮލާޝިޕްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވާސިޓީ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. މި ޕްރޮގްރާމަކީ ވިޔަފާރިތަކާއި އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މި 15 ސްކޮލާޝިޕްގެ ތެރެއިން 5 ސްކޮލާޝިޕަކީ ފުލީ ފަންޑެޑް ސްކޮލާޝިޕެވެ. އަދި 10 ސްކޮލާޝިޕަކީ ޕާޝަލް ފަންޑެޑް ސްކޮލާޝިޕެވެ.

ސްކޮލާޝިޕް ޕްރޮގްރާމުގެ ތެރެއިން އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ބައިވެރިންނަށް އަމާޒުކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީޢާ ފައިނޭންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކުރެވޭ ޢިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. މިއީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑާޝިޕް ހުނަރުތައް އިތުރުކުރުމާއި، އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމަޢުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެކެވެ.

އެމްއެމްއޭގެ އިން ބުނީ މި ސްކޮލާޝިޕްތަކަކީ ރާއްޖޭގެ ކުރިއަރަމުންދާ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި އެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.