އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދިން ވައިގެ ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިންތަކެއް މަރާލައިފި އެވެ.
ގާޒާގެ އަލް ޝިފާ ހޮސްޕިޓަލް ކައިރީގައި ނޫސްވެރިންނަށް ހާއްސަކޮށްފައިވާ ޓެންޓަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި މަރުވެފައިވަނީ އަލްޖަޒީރާގެ ދެ ނޫސްވެރިއަކާއި ދެ ކެމެރާމަނެކެވެ.
އިޒްރޭލުން ވަނީ މީގެތެރެއިން މަރުވި އަލްޖަޒީރާގެ ނޫސްވެރިޔާ، އަނަސް އަލް ޝާރިފް އަކީ އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ސެލްއެއްގެ ލީޑަރެއް ކަމަށް ބުނެފަ އެވެ. ނަމަވެސް މި ތުހުމަތުތައް އަލްޖަޒީރާ އިން ވަނީ ދޮގުކޮށްފަ އެވެ.
އަލްޖަޒީރާ އިން ބުނީ އަނަސް އަކީ ނޫސްވެރިކަމުގެ ޒިންމާ އަދާކުރަން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން މަސައްކަތް ކުރަމުންދިޔަ ފަރާތެއް ކަމަށާއި ގާޒާގެ އުތުރުގެ ހިސާބުތަކުގައި ހިނގަމުންދާ ކަންކަން ރިޕޯޓުކުރުމުގައި އަނަސް ދިޔައީ ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.
އިޒްރޭލުން ގާޒާއަށް 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް އަލްޖަޒީރާގެ 10 ސްޓާފަކު ވަނީ އެ ހަމަލާތަކުގައި މަރުވެފަ އެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެގައުމުގެ ސަރުކާރުން ދާދިފަހުން ވަނީ މުޅި ގާޒާ ހިފުމަށް ފާސްކޮށްފަ އެވެ.