ދިވެހި ފޮތްތަކަށް ހާއްސަ "މޯލްޑިވްސް ކޯނާ" އެއް މެލޭޝިއާގައި ހުޅުވައިފި އެވެ.
މި މަހުގެ 7 ގައި ހުޅުވި އެތަނަކީ ކުއާލަލަމްޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށްފައި ހުންނަ މޯލްޑިވްސް ސެންޓަރުގެ ފަރާތުން ހުޅުވި ތަނެކެވެ.
'މޯލްޑިވްސް ކޯނާ" ހުޅުވައި ދެއްވީ ރާއްޖެއިން މެލޭޝިޔާ އަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ.
އެތަން ހުޅުވުމާއެކު، ކުޑަކުދީންގެ ވާހަކަ ފޮތް ޝާއިއު ކުރާ ރާއްޖޭގެ އަމިއްލަ ފަރާތެއް ކަމަށްވާ 'ތަކެތި' ގެ ފަރާތުން ކުޑަކުދީންގެ ވާހަކަ ފޮތްތަކެއް ވެސް ހަދިޔާކޮށްފައިވެ އެވެ.
'މޯލްޑިވްސް ކޯނާ' ގެ ގެ މަގުސަދަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ދަރިވަރުންނަށް ވެސް ބޭނުންވާ ދިވެހި ފޮތްތައް، ފަސޭހައިން ލިބޭނޭ މަގު ތަނަވަސްކޮށްދީ، މިކަމުގެ ސަބަބުން އެފަރާތްތައް ދިވެހި ބަހާއި އަދަބިއްޔާތައް ޝައުގުވެރިކުރުވުން ކަމަށް މޯލްޑިވްސް ސެންޓަރުން ބުންޏެވެ. އަދި އެތަނުން ދިވެހި ސަގާފަތާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށް ދިނުމާއި، "ކަލްޗަރަލް ޑިޕްލޮމެސީ" ގެ ދަށުން އަދަބީ އަދި ސަޤާފީ އެކި ހަރަކާތް ހިންގުމެވެ.

މީގެ އިތުރުން މޯލްޑިވްސް ކޯނާ މެދުވެރިކޮށް ރާއްޖޭގެ ލައިބްރަރީތަކާއި ތަޢުލީމީ މަރުކަޒުތަކަށް މެލޭޝިއާގެ ޝާއިޢުކުރުންތައް ހިއްސާކުރުމަކީ ވެސް އެތަނުގެ މަގުސަދެކެވެ.
މޯލްޑިވްސް ސެންޓަރުން ބުނީ މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ރާއްޖެއާ ބެހޭ ގޮތުން ހަދާފައިވާ އިލްމީ ކަރުދާސްތައް ސެންޓަރު މެދުވެރިކޮށް، ބޭނުންވާ އެހެން ފަރާތްތަކަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަކީ ވެސް 'މޯލްޑިވްސް ކޯނާ' ގެ މުހިންމު މަގުސަދެއް ކަމަށެވެ.