Last Updated: August 13, 22:44
Wednesday, August 13, 2025
މުނިފޫހިފިލުވުން

އާމިރުގެ ކޮއްކޮގެ ވާހަކަތައް އާއިލާ އިން ދޮގުކޮށްފި

އާއިލާ އިން ވަރަށް އިހާނެތިކޮށް ކަންތައްތައްކޮށްފައިވާ ކަމަށް ބުނެ ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން އާއިލާ އިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

ބޮލީވުޑަށް ނުކުތް ނަމަވެސް އެއްވެސް ކުރިއެރުމަކާއި މަޝްހޫރު ކަމެއް ވެސް ހޯދިފައި ނުވާ ފައިސަލް ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އާމިރާއި އާއިލާގެެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކެއްކޮށްފައިވެ އެވެ. އެގޮތުން އޭނަ އަކީ ބޯ ގޯސްވެ، މޮޔަވެފައިވާ މީހެއް ކަމަށް ބަލައި، ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން އަހަރެއްހާ ދުވަހުގެ ތެރޭގައި ގޭތެރޭގައި ބަންދުކޮށްގެން ގެންގުޅުމުގެ އިތުރަށް، ހޮސްޕިޓަލެއްގައި ނަފުސާނީ ބަލީގެ މީހުން ތިބޭ ތަނެއްގައި އެޑްމިޓްކޮށް އެތަނުގައި ވެސް އޭނަ ވިއްސަކަށް ދުވަހު ގެންގުޅެފައިވާ ކަމަށް ފައިސަލް ބުނެފައިވެ އެވެ. ފައިސަލް ބުނީ އާއިލާ އެއްވެސް އިރެއްގައި އޭނައާ ދޭތެރޭ ރަނގަޅެއް ނޫން ކަމަށާއި އަބަދު ވެސް ކަންކަން ކުރަމުން ގޮސްފައި ވަނީ ވަރަށް ދެރަވަރުކޮށް ކަމަށެވެ.

މީގެ ކުރިން ވެސް ސީދާ އާމިރާއި އަދި އާއިލާ އަށް ތުހުމަތުތަކެއްކޮށް ފައިސަލް ގިނަ ވާހަކަތަކެއް ދައްކާފައިވެ އެވެ. އަދި އޭނަގެ ވާހަކަ މީޑިއާތަކުގައި ގިނަ ފަހަރަށް ދެކެވެނީ ވެސް އެފަދަ ވާހަކަތަކާ ގުޅިގެންނެވެ.

ޕިންކްވިލާ އަށް ފައިސަލް މިދިޔަ ހަފުތާގައި ދިން އިންޓަވިއުއާ ގުޅިގެން އޭނަގެ އާއިލާގެ ވަރަށް ގިނަ ބަޔަކު ހިމެނޭ ގޮތަށް ނެރުނު ބަޔާނެއްގައި ވަނީ އާއިލާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ބަޔާނުގައި ވަނީ އާއިލީ ޒާތީ ކަންކަމުގެ ވާހަކަތައް މީޑިއާތަކުގައި ނުފެތުރުމަށް ވެސް އެދިފަ އެވެ.

އާމިރާއި އޭނަގެ މަންމަ ޒީނަތާއި ދެ ދައްތައިންގެ އިތުރުން ވެސް އާއިލާގެ ގިނަ ބަޔަކު ސޮއިކޮށް ނެރުނު ބަޔާނުގައި ބުނީ ފައިސަލަކީ ސިއްހީ މައްސަލަތަކެއް ހުރި މީހެއް ކަމަށެވެ. އަދި އޭނަ އަށް ފަރުވާ ދިނުމާއި އާއިލާގެ ފަރާތުން ދޭންވާ އަޅާލުމާއި އެހީތެރިކަން މިހާތަނަށް ވެސް ދެމުން އައިސްފައި ވަނީ ޑޮކްޓަރުންގެ އިރުޝާދާއި ލަފާތަކުގެ މަތިން ކަމަށެވެ.

"އާއިލާ އަބަދު ވެސް އޮތީ ފައިސަލާ އެކީގައި. އާއިލާގެ ލޯތްބާއި އަޅާލުމާއި އެހީތެރިކަން ފައިސަލަށް ލިބޭ،" ބަޔާނުގައި ބުންޏެވެ. "އަދި ވަކިން ހާއްސަކޮށް އޭނަގެ ނަފުސާނީ ދުޅަހެޔޮ ކަމަށް އާއިލާ އިން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ."

މިހާރު އުމުރުން އުމުރުން 58 އަހަރުގެ ފައިސަލް ލީޑިން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތީ 1994 ގެ ފިލްމު "މަދުހޯޝް" އެވެ. އަދި އޭނަ ބޭބެ އާމިރާ އެކު ވެސް ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2000 ވަނަ އަހަރުގެ "މޭލާ" އެވެ. ފައިސަލް އެންމެ ފަހުން ފެނިފައި ވަނީ 2022 ގެ ކަންނާޑާ ފިލްމު "އޮޕަންޑާ" އިންނެވެ.

އޭނަ މިހާތަނަށް ކައިވެންޏެއްކޮށްފައެއް ނުވެ އެވެ.