Last Updated: August 13, 22:44
Wednesday, August 13, 2025
ޚަބަރު

ރައީސް މުއިއްޒު ބ. އަތޮޅަށް

މިދިޔަ މަހުގެ ތެރޭގައި ނ. އަތޮޅަށް ވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބ. އަތޮޅަށް ވަޑައިގެންފި އެވެ.

ހަތަރު ދުވަހުގެ މި ދަތުރުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ.

‎ރައީސްގެ މި ދަތުރުގައި، ބ. އަތޮޅު މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެ ގޮތުން ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރައްވާނެ އެވެ.

މި ދަތުރުގެ ތެރެއިން ރައީސް މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ކަމަދުއަށެވެ.

‎މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުގައި، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.