ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަށް އިތުރު 7 އެއާލައިނެއްގެ ހިދުމަތް މި މަހުގެ ތެރޭގައި ބަދަލު ކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މިދިޔަ މަހުގެ 26 ގައި ހުޅުވި އާ ޓާމިނަލްގައި މިހާރު ޚިދުމަތް ދެމުން އަންނަނީ ހަމައެކަނި ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ
އެމްއޭސީއެލުން ބުނީ އިތުރު 7 އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލު ކުރުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ދަށުން ކުންފުނީގެ ސްޓޭކްހޯލްޑަރުންނާއި އެއާލައިން ޕާޓްނަރުންނާ އެކު ޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައްދަލުވުމުގައި އެއާލައިންތަކަށް އާ ޓާމިނަލަށް ބަދަލުވުމުގެ ޕްރޮސެސް އާއި އޮޕަރޭޝަންތައް ފުރިހަމައަށް ގެންދެވޭނެ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
އާ ޓާމިނަލަށް ހިދުމަތް ބަދަލު ކުރަން ތައްޔާރުވާ އެއާލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އަރަބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެއެވެ.
ވީއައިއޭގެ ޓާމިނަލަކީ ޖާގަ ވަރަށް ތަނަވަސް، ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ގާއިމުކޮށްފައިވާ ތަނެކެވެ. އެތަނުގެ ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނަ އިރު، އަމިއްލަ އަށް ޗެކިން ކުރެވޭ ހަ ސެލްފް ސާވިސް ޗެކިން ކިއޮސްކް ވެސް ހުރެ އެވެ.
އާ ޓާމިނަލުގައި ސީޕްލޭން ދަތުރުތަކަށް ހާއްސަ 24 ޗެކިން ކައުންޓަރު ވެސް ހުރެ އެވެ.