މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޗައިނާ ޓޫރިސްޓުންގެ އަދަދު 200،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާއިން އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 203،000 އަށް ވުރެ ގިނަ އެ އެވެ. އެ ގައުމަކީ މިދިޔަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.
އަހަރުގެ މިހާތަނަށް ރާއޖެ އަށް 1.35 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، އޢގެ ތެރެއިން 15 ޕަސެންޓަކީ ޗައިނާ ޓޫރިސްޓުންނެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، ދެވަނަގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން 160،349 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 125،500 ޓޫރިސްޓުން އައިސްފައިވެ އެވެ.
ލިސްޓްގައި ދެން ހިމެނެނީ އިޓަލީ (96،479 ޓޫރިސްޓުން)، ޖަރުމަން (94،335 ޓޫރިސްޓުން)، އިންޑިއާ (77،366 ޓޫރިސްޓުން)،
އެމެރިކާ (40،824 ޓޫރިސްޓުން)، ފްރާންސް (38،694 ޓޫރިސްޓުން)، ސްޕެއިން (28،028 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (25،873 ޓޫރިސްޓުން) އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.