ބ. ކަމަދޫގައި މިއަދު ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
އެ ރަށުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ފުރަތަމަ ރަށަކަށް ކަމަދު އަށް ވަޑައިގެންނެވެ.
ކަމަދޫގައި މި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވައި ރައީސް ވަނީ އޭޓީއެމުން ފައިސާ ވެސް ނަންގަވައިފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި ވެ.
އޭޓީއެމް ޚިދުމަތް ފެށުމާ ގުޅިގެން ބީއެމްއެލް އިން ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކޮށްފައިވެ އެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން އެއާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް ޙަސަން ޒަރީރެވެ.
ކަމަދޫ އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް އޭޓީއެމް މެދުވެރިކޮށް ލިބޭނެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހަ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވެ އެވެ.