މި ސަރުކާރަކީ ރައްޔިތުންގެ ފައިސާ އިން ޗުއްޓީ ހަދާލަން އައި ސަރުކާރެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރިކާރުގެ އެހެން ވެރިން ވެސް އަބަދު އުޅުއްވަނީ ދަތުރުތަކުގައި ކަމަށް ވިދާޅުވެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ، ސަރުކާރަށް ބޮޑަށް ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ކަންމަކަމިގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމަ އާއި ބަނދަރު ފަދަ ކަންކަން ފުރިހަމަކޮށް ނުދީ ސަރުކާރު އުޅެނީ "ވިޒިޓް މޯލްޑިވްސް" ގެ ދަށުން ޗުއްޓީ ހޭދަކުރުމުގައި ކަމަށެވެ.
"ކުރުކޮށް ބުނަންޏާ މި ސަރުކާރު އައީ ވިޒިޓް މޯލްޑިވްސްގެ ދަށުން ޗުއްޓީ ހޭދަކޮށްލަން. އޮންނަނީ ދަތުރު ކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ރައްޔިތުންގެ ފައިސާއިން ޕާޓީ ބާއްވައި މަޖާ ކުރުމާއި، ވައްކަން ކުރުމާއި ކޮރަޕްޝަން ހިންގުން." ޣަފޫރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ދޭން ޖެހުމުން މި ސަރުކާރުގައި ފައިސާއެއް ހުންނަ ކަމަކަށް ނުވާ ކަމަށެވެ. އަދި ވައްކަން ކުރުމަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ބުނި ސަރުކާރުން ވައްކަން ކޮށްގެން ވަކިކުރި މެނޭޖިން ޑިރެކްޓަރުންގެ މައްސަލަ ނުބަލާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށް ތަކުރާރުކޮށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ބުނަމުންދާ އިރު އެކަން ނުބަލަނީ ކީއްވެތޯ ވެސް ސުވާލު އުފެއްދެވި އެވެ.
"ސަރުކާރަށް ދެ އަހަރުވީ. ކޮން ބޭފުޅަކަށްތޯ ހުކުމެއް ޖެހުނީ. އަދިވެސް އެ އޮތީ އެމްއެމްޕީއާރުސީ މައްސަލަ ވެސް އޮތްގޮތަށް. ކުރިއަކަށް ނުދޭ. ނުބެލޭ. ވައްކަމުގެ ތެރޭގައި މުޅި ގައުމު މިއޮތީ ފޯވެފައި." ޣަފޫރު ވިދާޅުވި އެވެ.