އަޔޫޝްމަން ކްރާނާ އަކީ ވަރަށް މޮޅު އަދި މަސައްކަތަށް ވަރަށް ފަރުވާ ބަހައްޓާ އެކްޓަރެއް ކަމަށް ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އެކްޓަރާ އެކު އަލަށް ފިލްމެއް ހަދަމުން އަންނަ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ބުނެފި އެވެ.
"މޭނޭ ޕިޔާރު ކިޔާ" ސަލްމާން ޚާން ބޮޑު ތަރިއަކަށް ބަދަލުކޮށްދިން ޑައިރެކްޓަރު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ބުނީ އަޔޫޝްމަނާއި ޝަރްވާރީ ވާގްއާ އެކު ހަދަން ނިންމި ފިލްމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އޭގެ ނަމާއި ފިލްްމާ ބެހޭ ތަފުސީލަކަށް ނުގޮސް ކާމިޔާބު ޑައިރެކްޓްކުރީ ބުނީ އާ ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަނީ މުމްބާއީގައި ކަމަށެވެ.
ސޫރަޖް ބުނި ގޮތުގައި ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތީ މުމްބާއީ އަށް ކަމަށެވެ. އަދި އޭނަގެ އެހެން ފިލްމުތަކާ އެއްގޮތަށް މިއީ ވެސް ކާސްޓުން ގިނަ ބަޔަކު ފެންނާނެ އާއިލީ ލޯބީގެ ފިލްމެއް ކަމަށް ބުންޏެވެ. އަހަރުތަކެއް ފަހުން އަނެއްކާ ވެސް ޑައިރެކްޓަރުގެ ގޮނޑި ހޫނުކުރަން އިށީން އިރު، އެންމެ ފުރަތަމަ ފިލްމު ހެދި އިރާ އެެއްގޮތަށް މިހާރު ވެސް ޖެހިލުންވުމާއި ހިތްބިރު ގަތުމުގެ އިހުސާސް ކުރެވޭ ކަމަށް ސޫރަޖް ބުންޏެވެ.
"އެއީ އަބަދު ވެސް ކޮންމެ ފިލްމެއްގެ މަސައްކަތުގެ ތެރޭގައި ވެސް އަހަންނަށް ވާ ގޮތެއް." އުމުރުން 61 އަހަރުގެ އެކްޓަރު ބުންޏެވެ.
ސޫރަޖް ބުނީ ކުރިން މަސައްކަތް ނުކުރާ ދެ ތަރިއަކާ އެކު މަސައްކަތްކުރާ އިރު، އެ މީހުންގެ މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"އުފާވާ ކަމަކީ ވަރަށް ހުނަރުވެރި ދެ ތަރިން ފިލްމު ލީޑްކުރާތީ، އަޔޫޝްމަން ފާހަގަކުރެވެނީ ވަރަށް ޑެޑިކޭޓެޑް މޮޅު އެކްޓަރެއްގެ ގޮތުގައި،" އޭނަ ބުންޏެވެ. "އާ ފިލްމުގެ ވާހަކަ އަށް ބޭނުންވާ ކަހަލަ ކާސްޓެއް ލިބުމަކީ އަސްލު ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ އަމީތާބް ބައްޗަނާއި އަނޫޕަމް ކޭރާއި ބޮމަން އިރާނީގެ އިތުރުން ނީނާ ގުޕްތާއާ އެކު ގެނެސްދިން 2022 ގެ "އޫޗާއީ" އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ހަމް އާޕް ކޭ ހޭ ކޯން"، "ހަމް ސާތު ސާތު ހޭ"، "މޭ ޕްރޭމް ކީ ދީވާނީ ހޫ"، "ވިވާ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެ އެވެ.
މި ފިލްމުތައް ގެނެސްދިން ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނަކީ އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭން މަޝްހޫރު ސްޓޫޑިއޯއެކެވެ. އެތަނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ސޫރަޖްގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުތް 2023 ގެ ލޯބީގެ ފިލްމު "ދޯނޯ" އެވެ.
އެ ފިލްމަކީ ސަނީ ޑިއޯލްގެ ހަގު ދަރިފުޅު، ރަޖްވީރު ޑިއޯލް އާއި ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ އަންހެން ދަރިފުޅު ޕަލޯމާ ދިލަން ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ.