ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށްރަށާއި އާބާދީ ކުދި ރަށްރަށުގެ ގުދުރަތީ ރީތިކަން ގެއްލިގެން ނުދާ ގޮތަށް އެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ހަރު ފަށަލައެއް ތަރައްގީކޮށް، ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން ހުރިހާ ރަށެއްގެ މަގުތައް ތަރައްގީ ކުރުމަކީ މުހިއްމުކަމެއް ނޫން ކަމަަށެވެ. އަސި އެއީ ތާއީދު ވެސް ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށްރަށުގެ ތަބީއީ ރީތިކަން ވީ ހާވެސް ބޮޑަކަށް ރައްކާތެރިކޮށް ނެތިގެންނުދާނެ ގޮތަށް މަގު ހެދުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑއިގަންނަވާ ކަމަށެވެ. އެކަމަކު ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"ރަށްރަށުގެ ނެޗުރަލް ބިއުޓީ ނޫނީ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަކަށް ބެލެހެއްޓޭ ގޮތަކަށް ނޫނިއްޔާ ނެތިގެން ނުދާނެ ގޮތަށް މަގުހެދުމަކީ މުހިއްމު ކަމެއް." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ތާރާއި ގާ އަޅައިގެން މަގުތައް ހެދުމިގެ ބަދަލުގައި ރަށްރަށުގެ މަގުތައް ހެދިދާނެ އިތުރު ގޮތެއްވެސް ހިއްސާ ކުރައްވައިފަ އެވެ. އެއޫ މަގުތައް ރީތިކޮށް ދެމެހެއްޓުމާއެކު ފެން ހިންދޭނެ ރަނގަޅު ނިޒާމެއް ގާއިމުކޮށް މަގުތައް އެންމެ ތަބީއީ ގޮތުގައި ދެމެހެއްޓުމެވެ.
ރައީސް ވިދާޅުވީ ކަމަދޫ ރައްޔިތުން އެދޭނަމަ އެގޮތަށް އެ ރަށުގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މަގުތައް ހަދާނީ ރަށުގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވާނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.