Last Updated: August 11, 18:01
Monday, August 11, 2025
ޚަބަރު

ފެމިލީ ކޯޓްގެ އިސް ގާޒީ ހައި ކޯޓަށް ކުރިމަތިލައިފި

ހުސްވެފަައިވާ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން އަލުން ހުޅުވައިލައި މުއްދަތު މާދަމާ ހަމަވާ އިރު މިހާތަނަށް ކިތައް ބޭފުޅުން ކުރިމަތިލަވެއްވި ކަމެއް ސާފެއް އަދި ނޭނގެ އެވެ. އެކަމަކު އޭގެ ތެރޭގައި ފެމިލީ ކޯޓުގެ އިސްގާޒީ މާހިރު ހިމެނޭކަން ކަށަވަރުވެފައިވެ އެވެ.

ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް މާހިރު އައްޔަން ކުރީ އޮކްޓޯބަރު 13، 2022 ގަ އެވެ. އޭގެ ކުރިން އޭނަ ސިވިލް ކޯޓުގައި ގާޒީކަން ވެސް ކުރެއްވި އެވެ. މާހިރަކީ ކުރިން ފެމިލީ ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ ފުރަތަމަ ހުޅުވާލި ފުރުސަތުގެ ތެރޭގައި ކުރިމަތިލެއްވި ދެ ބޭފުޅަކު ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވަން ނިންމި އެވެ. އެއީ ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އާއިފުވައްމުލައް ދޫނޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދެވެ. އޭގެ ތެރެއިން ޝަހީދަކީ ކުރިން ސިޔާސީ މަގާމު އަދާކުރައްވާފައި މީހަކަށްވާތީ ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވުމުން އޭނާ ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ޖަމީލު ހައި ކޯޓްގެ ފަނޑިރާތަކަށް އައްޔަންކުރީ މި މަހުގެ 3 ގަ އެވެ.

ހައި ކޯޓް އެކުލެވިގެން ވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. ނަމަވެސް މިހާރު ތިއްބެވީ 10 ފަނޑިޔާރުންނެވެ.