Last Updated: August 13, 22:44
Wednesday, August 13, 2025
ޚަބަރު

ކައުންސިލްތަކުން ފައިސާ ހަރަދުކުރަނީ ބޭކާރުކޮށް، ހަމަމަގަށް އަޅުވަންޖެހޭ

ރާއްޖޭގެ ބައެއް ލޯކަލް ކައުންސިލްތަކުން ފައިސާ ހަރަދުކުރަނީ ބޭކާރު ގޮތުގައި ކަމަށާއި އެކަންކަން ހަމަމަގަށް އަޅުވަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. ކެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން ދައުލަތުން މާލީ އެހީގެ ގޮތުގައި ދޭ ފައިސާ އާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކުރާ ގޮތް ފެންނަމުންދާ ކަމަށާއި އެގޮތުން ތަޖުރިބާގެ ދަތުރުގެ ނަމުގައި މުޅި ކައުންސިލް އޮތް ގޮތަށް ރަށަށް ނުވަތަ އަތޮޅަށް ވެސް ފައިދާ ނުވާނެ ގައުމުތަކަށް ދަތުރުތައް ކުރަމުންދާ ކަމަށެވެ.

އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި ކައުންސިލްތަކަށް މާލީ އެހީ ދެނީ ރަށުގައި ކުރަން ހުންނަ މުނިސިޕަލް ހިދުމަތްތައް ދިނުމަށާއި އަދި ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށާއި އެކި ކަންކަމަށް އާމްދަނީ ހޯދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ވަރަށް ސީރިއަސް އަދި ރައްޔިތުންނަށް ވެސް މުހިއްމު ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ތެރެއިން ކަންކަން ކުރަން ވާނީ އިހުލާސްތެރިކަމާއި ޒިންމާދާރުކަމާއެކު ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ބާރުތަކާއި ޒިންމާތައް ބަޔާންކޮށްފައި އެބަހުރި ކަމަށާއި ފައިސާ ހަރަދުކުރަންޖެހެނީ އެ ކަންކަން ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ ކަންކަން ނުކުރާ އެތައް ކައުންސިލެއް އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

"ބޭކާރު ގޮތުގައި އެކަންކަން ކުރަމުންދަނީ. މި ކަންކަން ހަމަމަގަށް އެޅުވުމަކީ، ނުގަވައިދުން ފައިސާ ބޭނުން ކުރަން އޮންނަ މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރި ކުރުމަކީ ހަގީގަތުގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ލާމަރުކަޒީކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަކީ އެމަނިކުފާނު ގަބޫލުކުރާ ފަލްސަފާ ކަމަށާއި އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ ހުރިހާ ދިމާލެއްގައި ވެސް އުޅެވިފައި ހުންނެވި ބޭފުޅެއް ކަމަށްވެސް ވިދާޅުވެފަ އެވެ.