Last Updated: August 13, 22:44
Wednesday, August 13, 2025
ދުނިޔެ

އޮސްޓްރޭލިއާ ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ

އޮސްޓްރޭލިއާ އިން ވެސް ފަލަސްތީންގެ ދައުލަތް ބަލައިގަންނަން ނިންމައިފި އެވެ.

އެ ގައުމުން ބުނީ އަންނަ މަހުން ފެށިގެން ފަލަސްތީންގެ ދައުލަތް ބަަލައިގަންނާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމިކަން އޮސްޓްރޭލިއާ އިން އިއުލާންކޮށް އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބެނީސް ވިދާޅުވީ އަންނަ މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ރަސްމީކޮށް އޮސްޓްރޭލިއާ އިން އެކަން އިއުލާން ކުރައްވާނެ ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ފަލަސްތީނު އޮތޯރިޓީ ޕީއޭ) އާ އެކު ވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

އަލްބެނީސް ވިދާޅުވީ ފަލަސްތީނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަޓަކައި 'ޓޫ ސްޓޭޓް ސޮލިއުޝަނެއް" ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ އިޒްރޭލާ އެއްގޮތަށް ފަލަސްތީނަށް ވެސް ވަކި ދައުލަތެއްގެ ގައްހު ލިބިގެންވާ ކަމަށާއި އޮސްޓްރޭލިއާ އިން އެކަމަށް ވަކާލަތު ކުރާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ދާދި ފަހުން ނިންމި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ފްރާންސާއި ކެނެޑާ ވެސް ހިމެނެ އެވެ.

އދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.