Last Updated: August 13, 22:44
Wednesday, August 13, 2025
ޚަބަރު

މިއުޅެނީ ރައްޔިތުންގެ ވިޔަފާރިތަކަށް ކައުންސިލްތަކުން ވަނުން ހުއްޓުވަން

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ރައްޔިތުންގެ ވިޔަފާރިތަކަށް ކައުންސިލްތަކުން ވަނުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. ކެންދޫ ރައްޔިތުންނާއި މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން އާންމު ރައްޔިތުން ކުރަމުންދާ ކުދި ވިޔަފާރިތަކަށް ވަންނަމުންދާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އެކަން ހުއްޓުވައި ރައްޔިތުން ބާރުވެރިކުރަން ކަމަށެވެ.

"ލޯކަލް އޮތޯރިޓީ ކުންފުނި ކައުންސިލުން ހަދައިގެން އާންމު ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށް ވަނީމާ ރައްޔިތުންނަށް ވާނީ ކިހިނެއް؟ ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނު ބަދަލުކުރަނީ އާންމު ރައްޔިތުން ރަށުގައި ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުގެ ކުންފުނި، ލޯކަލް އޮތޯރިޓީ ކުންފުނި ނުވަންނަ ގޮތަށް ކަމަށެވެ. އަދި ކައުންސިލުތަކުގެ ކުންފުނިތަކުން ކުރާނީ އެއަށްވުރެ ފުޅާ، ބޮޑެތި ވިޔަފާރިތައް ކަމަށާއި ގާނޫނަށް ގެނައި އިސްލާހަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

"އާންމު ރައްޔިތުން ކުރާ ސްމޯލް، މީޑިއަމް ކުންފުނިތަކުން ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުގެ ކުންފުނިތަކުން ނޫނީ ލޯކަލް އޮތޯރިޓީ ކުންފުނިން ނުވަންނާށޭ މި ގެނައި އިސްލާހުގައި މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން މަސައްކަތްކުރަނީ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކޮށް، ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރަން ކަމަށާއި ސަރުކާރު އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.