ސަރުކާރުން ދޭ މާލީ އެހީ ކައުންސިލްތަކުން ބޭނުންނުކޮށް ބަހައްޓާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފި އެވެ.
ބ. އޭދަފުށީ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ކައުންސިލްތަކަށް މާލީ އެހީގެ ގޮތުގައި ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ ދޫކުރި ކަމަށާއި ނަމަވެސް އަހަރު ނިމުނުއިރު އެ ފައިސާ ހޭދަނުކޮށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއްގެ އެކައުންޓުގައި ބާކީ ޖުމްލަ 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށެވެ.
"މިއީ ބްލޮކް ގްރާންޓް. މި ފައިސާ ކައުންސިލްތަކަށް މިދެނީ ހިދުމަތްތައް ފޯރުކޮށްދޭން، މުނިސިޕަލް ހިދުމަތް ކުރަން މިދެނީ. އެ ފައިސާ ހަރަދުކުރުމަކީ ކައުންސިލަށް ލާޒިމު ކަމެއް ރައްޔިތުންނަށް ކަންކަން ކޮށްދޭން. އެކަމަކު އަހަރު ނިމުނުއިރު މިހުރީ މީގެ ދެބައިކުޅަ އެއްބައި ހޭދަނުކޮށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރު ވެސް ކަންކަން ދަނީ ހަމަ މިގޮތަށް ކަމަށާއި ފުދޭ ވަރެއްގެ ބޮޑު އިންސަތައެއްގެ ފައިސާ ކައުންސިލްތަކުން ހުންނަނީ ބަހައްޓާފައި ކަމަށެވެ. އަދި އެ ފައިސާ އެގޮތަށް ބަހައްޓާފައި ހުންނަނީ ކީއްވެގެން ކަމާއި އެގޮތަށް އެކަންކުރާ ބޭނުން ކައުންސިލްތަކުން ބަޔާން ނުކުރާ ކަމަށާއި މިއީ އެކަންކުރަންޖެހޭ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ސަރުކާރުން ދޭ ފައިސާ ބޭނުންކޮށްގެން ތަޖުރިބާގެ ނަމުގައި ބައެއް ކައުންސިލްތަކުން ދަނީ ރާއްޖެއިން ބޭރަށް ކަމަށާއި މިކަން މިގޮތަށް ނުކުރުމަށްވެސް އިލްތިމާސްކުރައްވާފަ އެވެ. އަދި މި ފައިސާ ބޭނުންކުރަންޖެހޭނީ ޒިންމާރުކަމާއެކު ކަމަށާއި މިފަދަ ކަންކަން ރައްޔިތުން ވެސް ދެނެގަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.