Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

ސަރުކާރަށް އެއްބާރުލުން ދޭން ކައުންސިލްތަކަށް ލާޒިމު

ސަރުކާރަށް އެއްބާރުލުން ދޭން ކައުންސިލްތަކަށް ލާޒިމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީ ރައްޔިތުންނާއި ރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުން ގައުމީ ވިސްނުމެއްގައި ކުރިއަށްދާންޖެހޭ ކަމަށާއި ހުރިހާ ކައުންސިލްތަކުގެ ސިޔާސީ ވިސްނުން އެއްގޮތް ނުވިޔަސް ތަރައްގީގެ ވިސްނުން އެއްގޮތް ވާންޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތައް އިންތިހާބުވެފައިވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރަށް އެއްބާރުލުން ދިނުމަކީ ކައުންސިލަށް ލާޒިމު ކަމެއް. ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ބައެއް ކައުންސިލްތަކަކީ. އެހެންވީމަ ކައުންސިލްތައް ވެސް މަސައްކަތް ކުރަންޖެހޭނީ ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރެވޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ބަޖެޓު ފާސްކޮށްފައި، ކައުންސިލްތަކަށް ބަޖެޓު ދިނުމުން އެ ބަޖެޓު ހަރަދުކުރަންޖެހޭނެ ކަމަށާއި އަދި އެކަން ކައުންސިލްތަކުން ކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި އޮވެގެން ކަމަށާއި އެމަނިކުފާނަށް މުހިއްމީ ރައްޔިތުން ކަމަށްވާއިރު، ކޮންމެ ރައްޔިތަކު ވެސް ހަމަހަމަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަދި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއެކު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނީ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައިގެން، ރައްޔިތުންގެ ފަޅީގައި އޮވެގެން ކަންކަން ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެގޮތަށް މަސައްކަތް ކުރުމުން ނިކުންނަ ނަތީޖާ މާ ރަނގަޅުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.