މީގެ ހަތަރު އަހަރު ކުރިން އިއުލާންކުރި ނަމަވެސް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތް ބޮލީވުޑްގެ ތަރި، ކާތިކް އާރިއަންގެ ފިލްމު "ކެޕްޓަން އިންޑިއާ" ގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު ރޯނީ ސްކޫރޫވާލާ އާއި ކުރީގެ އެކްޓަރު ހަރްމަން ބަވޭޖާ ގުޅިގެން ޕްރޮޑިއުސްކުރާ ގޮތަށް 2021 ގެ ޖުލައިގައި އިއުލާންކުރި ފިލްމެކެވެ. ކާތިކް އަސްކަރީ ޕައިލެޓެއްގެ ރޯލު ކުޅޭ ގޮތަށް އިއުލާންކުރި "ކެޕްޓަން އިންޑިއާ" ގެ ޑައިރެކްޓަރަކަށް އޭރު ހަމަޖެއްސީ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މަހެތާ އެވެ.
ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި މީގެ މަސައްކަތް ކުރިއަށް ނުގެންދެވި، މި ޕްރޮޖެކްޓް ވަށްގަނޑަށް ލާފައި އޮންނާތާ އަހަރުތަކެއް ފަހުން، މިއާ ގުޅޭ މަޝްވަރާތަކެއް މިހާރު އަންނަނީ ކުރެވެމުންނެވެ. މީޑިއާތަކުން ބުނީ "ކެޕްޓަން އިންޑިއާ" ގެ ޑައިރެޓްކުރަން މިހާރު ހަވާލުކޮށްފައި ވަނީ ޝިމިތު އަމިންއާ ކަމަށެވެ.
އޭނަ އަކީ ޝާހްރުކް ޚާންގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ 2007 ގެ "ޗަކްދޭ! އިންޑިއާ" ގެނެސްދިން ޑައިރެކްޓަރެވެ. އޭގެ ފަހުން ޝިމިތު ޑައިރެކްޓްކުރި ފިލްމަކީ ރަންބީރް ކަޕޫރްގެ 2009 ގެ "ރޮކެޓް މޭން: ސޭލްސްމަން އޮފް ދި އިޔާ" އެވެ.
މީޑިއާތަކުން ބުނީ "ކެޕްޓަން އިންޑިއާ" ވާނީ ޝިމިިތު ގިނަ އަހަރުތަކެއް ފަހުން އަލުން ޑައިރެކްޓަރުގެ ގޮނޑި އަށް އަންނާނެ ފިލްމަށް ކަމަށާއި ފިލްމާ ގުޅޭ ގޮތުން އޭނަ މިހާރު ކާތިކާ އެކު ވެސް އެކި ފަހަރު މަތިން ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.
އެހެންވެ އަންނަ އަހަރުގެ ކުރީކޮޅު މި ފިލްމުގެ ޝޫޓިން ފެށުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދަން ނިންމާފައިވާ "ކެޕްޓަން އިންޑިއާ" ގެ މަންޒަރުތައް ނަގާނީ އިންޑިއާގެ އިތުރުން މޮރޮކޯގަ އެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އަދި ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކްގެ ތިން ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ މި އަހަރުގެ ނޮވެމްބަރުގައި ޑައިރެކްޓަރު އަނޫރާގް ބާސޫ ގެނެސްދޭން ނިންމާފައިވާ އޮތް އަދި ނަން އިއުލާން ނުކުރާ މިއުޒިކަލް ލަވް ސްޓޯރީ އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ނިންމާފައިވާ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި "ނާގްޒިއްލާ" އެވެ.