ޙައްޖު ކޯޓާ އިން ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ހާއްސަ އިސްކަމެއް ދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރު ހާޒިރު ކުރުމުން ޙައްޖު ކޯޓާއާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމު ވިދާޅުވީ ޙައްޖު ކޯޕަރޭޝަނަކީ ހެޔޮ އަގުގައި ޙައްޖާއި އުމްރާގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާ ތަރައްގީކޮށް ޒަމާނަށް ފެތޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ.
އެގޮތުން ސަޢުދީ އަރަބިއްޔާ އިން ރާއްޖެ އަށް ދެމުން އަންނަ 1،000 ކޯޓާގެ ދަށުން މި އަހަރު ވެސް ޙައްޖަށް މީހުން ގެންދިއުމުގައި ފުރުސަތު ދީފައި ވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މި އަހަރު ޙައްޖަށް ދާން ރަޖިސްޓްރީކޮށްފައި ތިބީ 850 މީހުން ކަމަށާއި އޭގެ ތެރޭގައި 75 އަހަރުން މަތީގެ 44 މީހުން ވެސް ހިމެނޭ ކަމަށެވެ. އެހެންވެ އެ 44 މީހުންނަށް އެހީތެރިން ބޭނުންވާނެތީ އެ ފުރުސަތު ފަހިކޮށް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ފަޤީރުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި މި އަހަރު ވެސް 50 މީހަކު ހައްޖަށް ގެންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.