އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ޓައިގާ ޝްރޮފްގެ "ބާގީ 4" ގެ ޓީޒާ އާންމުކުރުމާ އެކު، މިއީ ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ކޮޮޕީއެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ފިލްމުގެ ޓީޒާ ޔޫޓިއުބާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުކުރުމާ އެކު، ވަރަށް ގިނަ ބަޔަކު ދަނީ ޓައިގާގެ ފިލްމަށް "އެނިމަލް" ގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާކަން ދައްކުވައިދޭ ކަމަށް ބުނެފަ އެވެ.
ދެހާސް ތޭވީހުގައި ރިލީޒްކުރި "އެނިމަލް" އަކީ ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށް ގެނެސްދިން އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އޭގައި އަނިޔާވެރިކަން ވަރަށް ބޮޑަށް ހިމަނާފައިވެ އެވެ.
"ބާގީ 4" ގެ ޓީޒާ ބަލައިލުމުން ހަގީގަތުގައި ވެސް އާކޮށް ދެނީ "އެނިމަލް" ގެ ހަނދާންތެކެވެ. އޭގައި ދައްކުވައި ދީފައިވާ ގޮތާ ދާދި އެއްކަހަލަ ގޮތަކަށް ވަރަށް އަނިޔާވެރި ތަޅާފޮޅުމުގެ މަންޒަރުތައް ގިނަ އަދަދަކަށް ހިމަނާފައިވެ އެވެ އަދި ފިލްމުގެ ވިލަންގެ ރޯލު ކުޅެފައިވާ ސަންޖޭ ދަތުގެ ލުކް، "އެނިމަލް" ގައި ހިމެނޭ ރަންބީރްގެ ލުކާ ވެސް ވަރަށް އެއްގޮތެވެ. އެހެންވެ އެކަމަށް ޖޯކް ޖަހައި ބައެއް މީހުން ބުނީ ސަންޖޭގެ 2018 ގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" ގައި ރަންބީރް، ސަންޖޭގެ ރޯލު ކުޅެފައިވާތީ، ސަންޖޭ ކޮށްފައި މި އޮތް ކަމަކީ ރަންބީރްގެ ރޯލު "ބާގީ 4" ގައި ކުޅުން ކަމަށެވެ.
މިފަދަ ސަބަބުތަކާ ހެދި އޭ ހާޝާ ޑައިރެކްޓްކޮށްފައިވާ "ބާގީ 4" ބައެއް މީހުން ސިފަކޮށް ބުނެފައި ވަނީ ކާސްޓް ތަފާތުކޮށްލައިގެން ގެނެސްދޭން އުޅޭ "އެނިމަލް 2" ގެ ގޮތުގަ އެވެ. އަދި ފިލްމުގެ ޓީޒާ ބަލައިލުމުން، ޑައިރެކްޓަރު "އެނިމަލް"، ވަރަށް ގިނައިން ބަލާފައި އޮތްކަން ވެސް ދޭހަވާ ކަމަށް އެކި މީހުން ބުނެފައިވެ އެވެ.
ކޮންމެއަކަަސް "ބާގީ 4" އަކީ "އެނިމަލް" ގެ ކޮޕީއެއް ކަމަށް ބުނެ ފާޑުކިޔަމުން އަންނަ އިރު، އަސްލު ފިލްމުގައި ވާ ގޮތެއް އެނގޭނީ އަންނަ މަހުގެ 5 ގައި އެ ފިލްމު ސިނަމާތަކަށް ގެނައުމުންނެވެ. މިއީ ޓައިގާ ކުޅެމުން އަންނަ "ބާގީ" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ.
ސޯނަމް ބަޖްވާ އާއި 2021 ގެ މިސް ޔުނިވާސް ހަރްނާޒް ސަންދޫ ބަތަލާއިންގެ ރޯލު ކުޅެފައިވާ ފިލްމުގެ ޕްރޮޑިއުސަރަކީ ސާޖިދު ނަދިއަދުވާލާ އެވެ.