Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހަކުރުބައްޔަށް ފުލުހުން ސްކްރީން ކުރަނީ

ހަކުރުބައްޔަށް ފުލުހުން ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދު ފެށި މި ޕްރޮގްރާމަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީން އާއި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމް ފައްޓަވައި ދެއްވީ އެސިސްޓެންޓް ކޮމިޝަނަރު އާޞިމް ޢަބްދުﷲ އެވެ.

މި ޕްރޮގްރާމުގައި ބޮޑީމާސް އިންޑެކްސް ބެލުމާއި ހަކުރު ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މިންވަރު ބުނެދިނުމާ އެކު ބޮޑީމާސް އިންޑެކްސްގެ ނަތީޖާއާ ބެހޭ ގޮތުން ޑޮކްޓަރުން އަދި އެޑިއުކޭޓަރުންނާއި މަޝްވަރާކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

ޕްރޮގްރާމުގައި، މައުލޫމާތު ދެނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.