Last Updated: August 14, 22:44
Thursday, August 14, 2025
މުނިފޫހިފިލުވުން

ޓޭލާގެ 12 ވަނަ އަލްބަމް އިއުލާންކޮށްފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ 12 ވަނަ އަލްބަމް ނެރެން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.

މި ވާހަކަ އޭނަ ސޯޝަލް މީޑިއާގައި ވީޑިއޯ މެސެޖަކުން ހިއްސާކޮށްފައި ވަނީ މިއަދެވެ. އެގޮތުން މިއަދަކީ 12 ވަނަ ދުވަސްކަން ފާހަގަކޮށް 12 ވަނަ އަލްބަމް އިއުލާންކޮށް، އޭގެ ޕްރީ-އޯޑަރަށް ވެސް މިހާރު އޮތީ ހުޅުވާލައިފައި ކަމަށް ބުންޏެވެ.

އާ އަލްބަމްގެ ނަމަކީ "ދަ ލައިފް އޮފް އަ ޝޯގާލް" އެވެ.

ނަމަވެސް ރިޕަބްލިކް ރިކޯޑްސްގެ ތައްގަނޑުގައި ނެރޭ އަލްބަމްގައި ހިމެނޭ ލަވަތަކުގެ އަދަދާއި އަލްބަމް ނެރޭ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ޕްރީ-އޯޑަރު ކުރާ ފަރާތްތަކަށް އަންނަ އޮކްޓޯބަރު މަހުގެ 13 ގެ ކުރިން އަލްބަމް ޝިޕްކޮށް ދޭނެ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް 14 ގްރެމީގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޓޭލާ، 35، ގެ އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ. ޓޭލާގެ ފުރަތަމަ އަލްބަމީ އަމިއްލަން ނަން ދީގެން 2006 ގައި ނެރުނު އަލްބަމެވެ.

ކުލަގަދަ މިއުޒިކީ ކެރިއަރެއް އޮތް ފަންނާނުގެ ކާމިޔާބު ކެރިއަރަށް ބަލާ އިރު، އެއް އަހަރެއްގައި ދެ އަލްބަމް ވެސް ނެރެފައިވެ އެވެ. އެގޮތުން 2020 ގައި "ފޯކްލޯ" އާއި "އެވަމޯ" ނެރުނެވެ.