Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ފޭދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމޭނީ 2017ވަނަ އަހަރަށް

ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫއު މުޅިން ނިމޭނީ 2017 ވަނަ އަހަރުގައި ކަމަށް ބަޖެޓް ހިސާބުތަކުން ދައްކައިފިއެވެ.

އައްޑޫގެ ރަށްތަކުގެ ތެރެއިން ބިމުގެ ދަތިކަން އެންމެ ބޮޑު ފޭދޫގެ ބިން ހިއްކުމަށް މިއަހަރު ނިމެން މަސްދުވަހަށް ވެފައިވާ އިރު އަދި ވަނީ މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށިއެވެ.
feydhoo bin
ފޭދޫގެ ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމަށް ޖުމްލަ 170،759،976 ރުފިޔާ ކަނޑައަޅާފައިވާ އިރު މިއަހަރު ޙަރަދުކުރުމަށް ނިންމާފައިވަނީ 26،055،767 ރުފިޔާއެވެ. އަދި 2016 ވަނަ އަހަރަށް 21،172،219 ރުފިޔާ ކަނޑައަޅާފައިވާ އިރު 2017 ވަނަ އަހަރު މި މަސައްކަތަށް ހޭދަ ކުރުމަށް ނިންމާފައިވަނީ 119،531،966 ރުފިޔާއެވެ.

މިއަހަރުގެ ބޮޑު ބައެއް ނިމިފައިވާ އިރު މި މަސައްކަތަށް ކަނޑައެޅި 26،055،767 ރުފިޔާގެ ތެރެއިން އަދި ކިރިޔާ ކޮންޓްރެކްޓަރަކާއި އެކު ސޮއި ކުރެވުނީއެވެ. އެހެން ކަމުން މަސައްކަތަށް ބޭނުންވާ ސާމާން ފޭދޫއަށް ގެނެސް މި އަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށުމަކީ އުދަގޫ ކަމެކެވެ.

ފޭދޫގެ ބިން ހިއްކުމުގެ މުޅި މަޝްރޫއުގެ ކަންކަން ހަލުވި ކަމާއި އެކު ނިމިގެން ދިއުމަކީ އެރަށުގެ އެންމެންގެ އެންމެ ބޮޑު އުންމީދެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ފޭދޫގެ ރައްޔިތުން ދާއިރާގެ މަޖްލިސް މެމްބަރު ގާތުން ސުވާލުކޮށްލަން މީ ރަގަޅު ކަމެކެވެ.

މިއަހަރު ފަށަން އޮތް މަސައްކަތް އަހަރު ނިމެން އުޅެނިކޮށް ސޮއި ކުރެވުމުން ހުރި ކަންބޮޑުވުން ހިއްސާކޮށްލަން ޖެހެއެވެ. އަދި އަންނަ އަހަރު މަޝްރޫއުގެ ކަންކަން ބާރު ސްޕީޑެއްގައި ގެންދިއުމަށް ބާރު އަޅަން ޖެހެއެވެ. ބަޖެޓްގައި ހިމަނާ ފައިސާ ތަކަކީ ހަމައެކަނި އަދަދުތަކަށް ނުވެ، ކަން ކަން ކުރެވޭނެ ބަޖެޓަކަށް ހެދުމަށް ބާރު އަޅަން ޖެހެއެވެ.