Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

ތުޅާދޫ އެެއާޕޯޓް ހަދަން އެމްޓީސީސީ އަށް

ބ. ތުޅާދޫ އެއާޕޯޓް ހަދަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުޅާދު އަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ. އެގޮތުން އެ މަޝްރޫއުގެ އެެެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހްމަދު ސައުދީ އެވެ.

މަޝްރޫއުގެ ދަށުން ރަންވޭ އާއި ޓާމިނަލް އަދި އިތުރު ފެސިލިޓީތައް ގާއިމުކުރާނެ އެވެ.

ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން އެ ރަށު އެއާޕޯޓް ތަރައްގީ ކުރާނީ މިދިޔަ ސަރުކާރުން ހަދާފައި އޮތް ކޮންސެޕްޓުގެ އީއައިއާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އީއައިއޭއަށް ބިނާކޮށް ފަޅު ތެރެއިން ވެލި ނަގައިގެން ކަޓާ ސެކްޝަން ޑްރެޖިން ކޮންސެޕްޓުގެ ބަދަލުގައި ފަޅުން ބޭރުން ވެލި ނަގައިގެން ހޮޕާ ޑްރެޖިން ކުރާ ކޮންސެޕްޓަށް މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. .

ތުޅާދޫގައި އެއާޕޯޓް ގާއިމުކުރަން ބޭނުންވާ ބިން ހިއްކަން މިދިޔަ ސަރުކާރުން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްފައި އޮތް އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ. އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް 570 މިލިއަން ރުފިޔާއަށެވެ.