Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

ގޮއިދޫ ފަޅުގައި ރިސޯޓު ހެދުމަށް މި މަހު ސޮއިކުރަނީ

ބ. ގޮއިދޫ ފަޅު ތެރޭގައި ރިސޯޓު ހެދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ގޮއިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި އަހަރު ތެރޭ އިކޯ ޓޫރިޒަމްގެ މަސައްކަތް ފައްޓަވާނެ ކަމަށާއި އަދި ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީ ކުރުމުގެ ބިޑް އެވޯޑުކޮށްފައިވުމާއެކު، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

"އަޅުގަނޑު ވައުދުވެފަ އޮންނާނެ ފަޅުތެރެއިން ރިސޯޓެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުން. އެކަން އަޅުގަނޑުމެން އިއުލާނުކޮށް ބަޔަކު ހޯދައި މިހާރު ބިޑް އެވޯޑުކޮށްފައި ވާނީ. ދެން މިމަސް ނިމުމުގެ ކުރީގަ އެ ރިސޯޓު ތަރައްގީކުރުމަށް ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފަ" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ގޮއިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި މަހު ޓެންޑާކުރައްވައި، މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށާއި އިންޖީނުގޭގެ މައްސަލަތައް ޙައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫޢެއްވެސް، މި އަހަރު ފައްޓަވާނޭކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ސިއްޙީ ދާއިރާއަށް ބަލާއިރު، ގިނަ ވަޞީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.