Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

ގައުމުގެ މިސްރާބު މިހުރީ 21 އަހަރުގެ ކުރީގެ ހާލަތަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ގައުމުގެ މިސްރާބު މިހާރު ހުރީ 21 އަހަރުގެ ކުރީގެ ހާލަތަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މިދެކޭ ގާނޫނުއަސާސީ އާއި އަސާސީ ހައްގުތައް ދިވެހީންނަށް ލިބުނީ މީގެ 21 އަހަރު ކުރިން އޯގަސްޓު 12، 13 ގައި ދިވެހީންގެ ބަޔަކު ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

އޯގަސްޓު 12، 13 ގެ ހަނދާން އާ ކުރަނީ އެ ދުވަހުގެ ނުރައްކާތެރި ހާލަތާ ކުރިމަތިލައި އެ ހާލަތުގެ މައްޗަށް ކުޅިފަސް ހޯދުމުގައި ބައިވެރިވި ހުރިހާ އެންމެންނަށް ހައްގު ޝުކުރާއި ތައުރީފުކޮށް އެ މީހުންގެ މަތިން ހަނދާން އާ ކުރަމުން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އޭގެ 21 އަހަރު ފަހުން އަނެއްކާވެސް ގައުމުގެ މިސްރާބު ހުރީ އޭރުގެ ހާލަތަށް، އެ ދުވަހުގެ ހަރަކާތުން ހިތްވަރު ލިބިގަނެ އަޅުގަނޑުމެންގެ މިއަދާއި މާދަމާ ސަލާމަތްކުރުމަށް މިއަދުގެ ހާލަތަށް އެކަށޭނެ އަދި ނަތީޖާ ނެރެވޭނެ އުސޫލަކުން މަސައްކަތް ކުރަންޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

މަޝްހޫރު "ކަޅު ހުކުރު" ނުވަތަ "އޯގަސްޓް 12-13 ގެ އެއްވުމަކީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ފާޅުގައި ތެދުވެ، ޖުމްހޫރީ މައިދާން ފުރާލައި އިސްލާހީ ހަރަކާތަކަށް ގޮވާލި ދުވަހެވެ.

އެ ދުވަހަށްފަހު ރައީސް މައުމޫން ވެސް އިސްލާހީ އެޖެންޑާއެއް އިއުލާންކުރި އެވެ. މިހާރު މި ދެކޭ ގާނޫނު އަސާސީ އާއި އިސްލާހުވެފައިވާ ކަންކަމަކީ އެ ދުވަހު ފެށުނު ހަރަކާތުގެ ސަބަބުން ރާއްޖެ ދެކެމުންދާ ކަންކަމެވެ.