ބީއެމްއެލް އިސްލާމިކް އިން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ފައިނޭންޝަލް ލިޓްރަސީ ސެޝަނެއް ބާއްވައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ސެޝަނުގައި އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބޭންކިން އާއި ފަހަށް ރައްކާކުރުމުގެ ސަގާފަތެއް ބިނާކުރުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވަނީ މައުލޫމާތުދީފަ އެވެ.
މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއިން ދަނީ އަބަދުވެސް މިކަހަލަ ސެޝަންތައް ބާއްވަމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އަދި އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން އާއި ކޭޝް ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކެވެ. އެއީ އިސްލާމިކް ކްރެޑިޓް ކާޑު ދޫކުރާ ހަމައެކަނި ބޭންކު ވެސް މެ އެވެ.
މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް 10 އަހަރު ފުރުނު އަހަރެވެ. ބީއެމްއެލް އިސްލާމިކުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ބޭންކުން ވަނީ ފަށާފަ އެވެ.
ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ޚިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.