Last Updated: August 14, 22:44
Thursday, August 14, 2025
މުނިފޫހިފިލުވުން

ސީޒަންގެ 'ޕަރީ' ބިރުވެރި ވާނެ

"ޕަރީ" ގެ ނަމުގައި ބިރުވެރި ފިލްމެއް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

މި ފިލްމަކީ މަޝްހޫރު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކުރާ ފިލްމެކެވެ.

ޕަރީ" ލޯންޗްކުރަން އިއްޔެ ރޭ ހާއްސަ ހަފުލާއެއް ވެސް ބާއްވާފައިވާ އިރު، މީގެ ޓައިޓްލް ލޯގޯ ޓީޒާއެއް ވެސް ދައްކާލާފައިވެ އެވެ. ޓައިޓްލްއާ އެކު "ޗެޕްޓާ 1" ހިމަނާފައިވާތީ މިއީ "ޕަރީ" ގެ ނަމުގައި ބައިތަކަކަށް ގެނެސްދޭނެ އެއްޗެއް ކަމަށް ބެލެވެ އެވެ.

ނަމަވެސް "ޕަރީ" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ދީފައެއް ނުވެ އެވެ. އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ މި ފިލްމުގެ ކާސްޓުން ސީޒަނާއި އައިޝަތު ރިޝްމީ އާއި ޖުމައްޔިލް ނިމާލް (ޖުމަލް) އަދި ޝީލާ ނަޖީބު ފަދަ ތަރިން ފެންނާނެ އެވެ.

ސީޒަން ކުރިން ވެސް ބެލުންތެރިންނަށް ބިރުވެރި ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ސްރީ ލަންކާގެ ކާސްޓެއް ހިމަނައިގެން 2023 ގައި ގެނެސްދިން "ކައުޝި" އެވެ.

ސީޒަން މި އަހަރުގެ ކުރީކޮޅު ކޭޖީއެމް (ކޮސް ގިނަ މިސްޓޭކް) ކިޔާ ފިލްމެއް ވެސް ޑައިރެކްޓްކޮށްފައިވެ އެވެ. އެކަމަކު އެ ގެނެސްދޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 48 އަހަރުގެ އެކްޓަރު، ޑައިރެކްޓްކޮށް މި ފަހުން ގެނެސްދިން އެންމެ މަގުބޫލު ފިލްމަކީ ބަތަލުގެ ރޯލު ވެސް ކުޅުނު "ލޯބިވެވިއްޖެ" އެވެ. އޭގެ ދެވަނަ ބައެއް ވެސް ގެނެސްދޭން އިއުލާންކޮށްފައިވެ އެވެ.